English Edition
Dhivehi Edition

އައްޑޫސިޓީގެ ހުޅުދޫ އާއިލާއަކަށް ނިސްބަތްވާ ސަފާތު އަޙްމަދު ޒާހިރަކީ އެ ދަރިއަކަަށްޓަކައި މުޅި އައްޑޫސިޓީ ފަޚުރުވެރިވާފަދަ ހިތްވަރުގަދަ ،ކެރޭ އަންހެން ކަނބަލެކެވެ. ސަފާތު ދަންނަނީ ހަމައެކަނި ދިވެހިންނެއް ނޫނެވެ. ބައިނަލްއަގުވާމީ ބޮޑެތި ބައްދަލުވުންތަކާއި ހަފްލާތަކުގައިވެސް ސަފާތުގެ ނަން އިވެއެވެ. ސަބަބަކީ ސަފާތަކީ ހަމައެކަނި ނަމަކަށް ނުވާތީއެވެ. އަންހެނުންގެ ހައްގުތަކަށާއި ވަޒީފާގެ މާހައުލުގައި ހުންނަ ޖިންސުގެ ތަފާތުތައް ނައްތާލުމަށް މަސައްކަތް ކުރާ ސަފާތަކީ ބްރޭންޑެކެވ!!

އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ ސަފާތު، އާންމުން ދަންނަ މޫނަކަށް ވެ ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީ 2016 ވަނަ އަހަރު އިނގިރޭސި ރާނީ ދެއްވާ ކުއީންސް ޔަންގް ލީޑާޒް އެވޯޑު ގެ ފަޚުރުވެރި އެވޯޑު ލިބުނު ހިސާބުން ފެށިގެންނެވެ. މި އެވޯޑު ސަފާތަށް ލިބިގެން ދިޔައީ އަންހެނުން ބާރުވެރިކުރުވަން މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ވިމެން އޮން ބޯޑްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރެގެން އޭނާ ކުރި މަސައްކަތަށް ބަލައިފަ އެވެ. އިނގިރޭސި ރާނީގެ އަތްޕުޅުން ސަފާތަށް ލިބުނު މިއެވޯޑަކީ ކޮމަންވެލްތް މެންބަރު ގައުމުތަކުގައި މުޖުތަމައަށް އެކި ދާއިރާތަކުން ހިދުމަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުންގެންދާ އަދި ބައިނަލްއަގްވާމީ ގޮތުންވެސް ފާހަގަކުރެވޭ އެވޯޑެކެވެ. މި އެވޯޑު ވެގެން ދިޔައީ ގިނަ ދުވަސްތަކަކަށް ސަފާތު ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާގެ ފެށުން ކަމަށެވެ. .އާ ހިތްވަރަކާއެކު މި މަސައްކަތުގައި ކެރިގެން ، ސާބިތު ކަމާއެކު ހިނގައިގަތުމަށް ކޮށިގެން ދިޔަ އާ މަގަކަށެވެ. އަންހެނުންގެ ޙައްގުގައި ވަކާލާތުކޮށް އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތަށް އިތުރު ވެގެން ދިޔަ އިތުރު ބޮޅަކަށެވެ.

“އޭއޯ ނިއުސް ” އަށް ދެއްވި ޚާއްޞަ ބަސްދީ ގަތުމެއްގައި ސަފާތު ބުނީ ރާނީގެމި އެވޯޑާއެކު އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބާއްވާ އެކި ބައްދަލުވުންތަކާއި ފޯރަމްގައި ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ސަފާތަށް ލިބިގެން ދިޔުން ވެގެން ދިޔައީ އޭނާގެ މަސައްކަތުގައި ފާހަގަ ކޮށްލެވޭފަދަ ފުރިހަމަ ކާމިޔާބީއެއްކަމަށެވެ.

ހަމަ މިއާއެކު ސަފާތަށް ލިބިގެން ދިޔަ އިތުރު ކާމިޔާބީ އަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި އދ.ގެ މެމްބަރު ގައުމުތަކުގެ ތެރެއިން ހޮވި 17 ޒުވާނުންގެ ތެރޭގައި ހޮވިގެން ދިއުމެވެ. 2016 ވަނަ އަހަރު ލިބިގެން ދިޔަ މި ފުރުސަތާއެކު ސަސްޓޭނަބަލް ޑިވެލޮޕްމެންޓް ގޯލްސް (އެސްޑީޖީ)ގެ ޒުވާން ލީޑަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކެއް ސަފާތު ކުރަން ޖެހުނެވެ. އެ ގޮތުން އދ.ގެ ސެކްރެޓެރީ ޖެނެރަލް އައްޔަނު ކުރައްވާ ޒުވާނުންގެ މަންދޫބުގެ އޮފީހާ އެކު، ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކާ މެދު ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ. އަދި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޒުވާނުންނަށް ބާރު އަޅައި މަސައްކަތް ކުރަން ޖެހުނެވެ.މީގެ އިތުރުން އދ. ގެ މެމްބަރު ގައުމުތަކަށް ދީފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ފަގީރުކަން ނައްތާލުމާއި ޒުވާނުން ބާރުވެރިކުރުވުމާއި ޖިންސީ ތަފާތުކުރުން ނައްތައިލުން ފަދަ މަސައްކަތްތަކުގައި ސަފާތު ވަނީ ހީވާގި ކަމާއި ގާބިލް ކަމާއެކު މަސައްކަތް ކޮށްފައެވެ.

މި ހުރިހާ މަސައްކަތަކާއެކު ސަފާތު ވަނީ މަޝްހޫރު ފޯބްސް މެގަޒިން އިން ހޮވާ އޭޝިއާގެ އެންމެ ނުފޫޒުގަދަ 30 ޒުވާނުންގެ ތެރޭގައިވެސް ހިމެނިފައެވެ . މިލިސްޓްގައި ހިމެނޭ ހުރިހާ ޒުވާނުންނަކީ ވެސް 30 އަހަރުން ދަށުގެ ޒުވާނުންނެވެ. ސަފާތަކީ ފޯބްސްގެ ލިސްޓެއްގައި ހިމެނުނު ފުރަތަމަ ދިވެއްސަކަށް ވުން ވެގެން ދިޔައީ މުޅި ރާއްޖެވެސް ސަފާތަށްޓަކައި ފަޚުރުވެރިވި ކަމަކަށެވެ. ރާއްޖޭގެ ހުރިހާ ނޫސް މީޑިއާ ތަކެއްގެ ފަލަ ސުރުޚީއަކުން ސަފާތުގެ ނަމަށް ޖާގަ ދެވުނު ސަބަބަށެވެ.

ސަފާތުގެ ފާހަގަކޮށްލެވޭ ކާމިޔާބީ ތަކުގެ ތެރޭގައި ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި) މޯލްޑިވްސް އިން ދެމުންގެންދާ ޓެން އައުޓް ސްޓޭޑިން ޔަންގް ޕާސަން އެވޯޑް ވެސް 2017 ވަނަ އަހަރުގެ ތެރޭގައި ސަފާތަށް ވަނީ ލިބިފަ އެވެ. ބައިނަލްއަގްވާމީ ފެންވަރުގެ މި އެވޯޑަކީ ތަފާތު ދާއިރާތާކުގައި މަސައްކަތް ކުރާ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ޒުވާނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. ސަފާތަށް މިއެވޯޑް ލިބުނީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ދާއިރާއިންނެވެ.

އިސްކަންދަރު ސުކޫލުން ތައުލީމީ ބިންގާ އެޅިގެން ދިޔަ ސަފާތަކީ ސްކޫލް ދައުރުގައިވެސް ފާހަގަކޮށްލެވޭފަދަ މޮޅު ދަރިވަރެކެވެ. އިސްކަންދަރު ސްކޫލަށް ފަހު އަމީނިއްޔާ ސުކޫލުގައި ތައުލީމް ހާސިލްކޮށް 2006 ވަނަ އަހަރު އާއިލާ އާއެކު ސަފާތު ދިޔައީ މެލޭޝިޔާ އަށެވެ. އެ ގައުމުގައި އޭލެވަލް ހެދުމަށްފަހު ސަފާތު އޭނާގެ ބެޗްލާސް ޑިގްރީ އާއި މާސްޓާސް ހަދާފައިވަނީ މެލޭޝިޔާގައި ހުންނަ މޮނޭޝް ޔުނިވަސިޓީ ކެމްޕަހުގަ އެވެ. ސަފާތު، ބެޗްލާސް ހެދީ ޑަބަލް މޭޖާސް ބޭންކިން އިން ފައިނޭންސް އިން އިންޓަނޭޝަނަލް ބިޒްނަސްގެ ރޮނގުންނެވެ. އަދި މާސްޓާސް ހަދާފައިވަނީ މާސްޓަ އޮފް ސައިންސް އިން ފައިނޭންސް އިން އިންވެސްޓްމަންޓްސްގެ ދާއިރާ އިންނެވެ.

ސަފާތު މީގެ ކުރިން ވަނީ، ކޯޕަރޭޓް ބޯޑުތަކާއި އިގްތިސާދީ މަސައްކަތުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް މަސައްކަތް ކުރާ “ވިމެން އޮން ބޯޑްސް” ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކޮށްފަ އެވެ. ވޮބް ގައި ކުރި މަސައްކަތްތަކުން ދަސްވި ކަންކަމާ އެކު، ސިޔާސަތު އެކުލަވާލުމާއި ނިންމުމުގެ ލެވެލްގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި “ވިމެން އެންޑް ޑިމޮކްރަސީ”ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައި ސަފާތު އަންނަނީ އެ ޖަމިއްޔާއިން ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިހުރިހާ މަސައްކަތްތަކާއެކު މިހާރު ސަފާތުގެ މިސްރާބު ހުރީ އަލަށް އިންތިޚާބު ކުރެވޭ ރައްޔިތުންގެ މަޖިލިހަށެވެ. އައްޑޫސިޓީގެ ހުޅުދޫ ދާއިރާގެ ގޮނޑިއަށް، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ސަފާތު ނިކުންނައިރު ސަފާތަކީ މިދާއިރާގެ ފުރަތަމަ އަންހެން ކެންޑިޑޭޓެވެ. ހަމަ އެއާއެކު އެންމެ އިލްމީ އަދި އެންމެ ޒުވާން ކެންޑިޑޭޓެވެ. ބައިނަލް އަގުވާމީ ފޯރަމް ތަކުގައި އިލްމީ ބަހުސް ކޮށް ކަމުގެ ތަޖުރިބާ ލިބިފައި ހުރި ގާބިލް ކަނބަލެކެވެ. މީހުންނާ ގުޅޭ، އަބަދުވެސް ހިނިތުން ވުމާއެކު މީހުންނާ ބައްދަލު ކުރާ ސަފާތަކީ ވާހަކަ ދެއްކުމުގައި ކުޅަދާނަ ދޫ ފަސޭހަ ކަނބަލެއް ވެސް މެއެވެ. ސަފާތަކީ ހަމަ ބްރޭންޑެކެވެ!

އޭއޯ ނިއުސްގެ ފަރާތުން އެދެނީ ސަފާތު ފަދަ އަންެހެން ކަނަބަލުން ނަށް އަބަދުވެސް ކުރިއެރުމާއި ކާމިޔާބީއެވެ.!