English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އަކީ އަތޮޅުގެ އެހެން ރަށްތަކާ އަޅާ ބަލާއިރު ދަނޑުވެރިކަމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ރަށެކެވެ.މީދޫ ގައި ދަނޑުވެރިކަން ފެށިގެން އައީ ސީދާ ވަކި ދުވަސްވަރެއްގައި ކަން ތާރީހުން އެނގެން ނެތެވެ. އެހެންނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ތަދުމަޑުކަމުން ސަލާމަތްވުމަށް އޮޅުއަލަ އާއި ބަބުކެޔޮ ހައްދައި އުޅުނެވެ. ހަމަ ގައިމުވެސް މީދުއަކީ މިހާރު ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެކެވެ. މި ރަށުގެ ގިނަ މީހުންގެ މުޅި ދިރިއުޅުން ބިނާވެފައިވަނީވެސް މި މަސައްކަތުން ލިބޭ އާމްދަނީއެއްގެ މައްޗަށް ކަމަށް ބުނެވިދާނައެވެ

2010 ވަނަ އަހަރު ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މީދޫގައި ބޭއްވުމަށް ހުށަހެޅި ޕްރޮޕޯސަލްގައި، ދަނޑުވެރިންގެ ދުވަހާއި ގުޅުވައިގެން ކުރާނެ ކަންތައްތަކުގެ ތެރޭގައި މީދޫ ދަނޑުވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ އާއި ޝަންގްރިއްލާ ރިސޯޓާއި ދެމެދު ސަޕްލައި އެގްރީމެންޓެއްގައި ސޮއިކުރާނެ ވާހަކައާއި،ޔޫ.އެން.ޑީ.ޕީގެ އެހީގައި މީދޫގައި އަޅާފައިވާ އޮޓޯޕޮޓް ސިސްޓަމުން އުފައްދާ ތަކެތި ކޯޕަރޭޓިވްއަށް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ވާހަކަ ވަނީ ބަޔާންކޮށްފައެވެ.

ޕްރޮޕޯސަލެއްގައި މިވާހަކަތައް ލިޔެލަން ފަސޭހަވިނަމަވެސް، ލިޔުނު ވާހަކަތައް ހަގީގަތަކަށް ބަދަލުކުރެވިފައިވަނީ ނުހަނު ގިނަ ގޮންޖެހުންތަކާ އެކުގައެވެ. ދެބަސްވެވެން ނެތް ހަގީގަތަކީ ދިމާވި ގޮންޖެހުންތަކާއެކުވެސް ދަނޑުވެރިންނަށް، މިއަދު މި ހިސާބަށް އާދެވުމުގެ ފަހަތުގައިވާ ފަރަތާކީ ވަރުގަދަ އަޒުމާއެކު މި މަސައްކަތަށް ނިކުތް ކޯޕަރޭޓިވްގެ މެނޭޖަރ ހަސަންޝާހިދް ކުރި ބުރަ މަސައްކަތްކަމެވެ

ރަށު ކައުންސިލަރ ކަމާއި ހަވާލުވުމުގެ ކުރިންވެސް، ހަސަން ޝާހިދު ފެނުނީ ރަށުގެ އާމްދަނީ އިތުރުކުރުމަށް މީދޫގެ ދަނޑުވެރިކަން ކުރިއަރުވަންޖެހޭ ކަމެވެ. އެހެންކަމުން މަގާމާއި ހަވާލުވުމަށްފަހު ފެށި އެއްމެ މުހިއްމު އެއް މަސައްކަތަކީ، މީދޫގެ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަމަކީ ކޮބައިތޯ އޮޅުންފިލުވައި، ދަނޑުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވޭނީ ކޮންގޮތަކުންތޯ ބެލުމެވެ. ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުން، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަނޑުތައް ބަލާލަން ދިއުމުގެ ތެރޭގައި ދަނޑުވެރިންނާއި ވާހަކަ ދައްކާލުމުން އެނގިގެން ދިޔައީ އެމީހުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ، އެމީހުން އުފައްދާ އެތިކޮޅު ފަސޭހައިން ވިއްކާލެވޭނެ ގޮތެއް ހަމަޖެހިފައި އޮތުން ކަމެވެ.

ދަނޑުވެރިންގެ އުފެއްދުންތައް ވިއްކަން ރަށާއި އެއްމެ ކައިރީގައި އޮތް ރަނގަޅު މާކެޓަކީ ޝަންގްރިއްލާ ރިސޯޓެވެ މިކަން ކުރުމަށްޓަކައި ރިސޯޓާއި ވާހަކަދެއްކުމުން އެފަރާތުން ވިދާޅުވީ، ދަނޑުވެރިންގެ ތެރެއިން ފޯކަލް ޕޮއިންޓެއް ހަމަޖައްސައިގެން ދަނޑުވެރިން އުފައްދާ ތަކެތި ރިސޯޓަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސެވުމަށެވެ.

ފޯކަލް ޕޮއިންޓެއް ހަމަޖައްސައިގެން ސަޕްލައި ކުރަމުންދަނިކޮށް، ދަނޑުވެރިންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި، ސަޕްލައި ހުއްޓުމާއެކު އަނެއްކާވެސް ރިސޯޓާއި މަޝްވަރާކޮށް، ރަށުގެ ޖަމިއްޔާއެއް މެދުވެރިކޮށް ސަޕްލައިކުރަން ފެށުނެވެ. ނަމަވެސް، ޖަމިއްޔާ މެދުވެރިކޮށް ކުރަން ފެށި މަސައްކަތްވެސް އެކި ސަބަބުތަކާހެދި ހުއްޓުނެވެ. އެހިސާބުން ދެން ޝާހިދު މަސައްކަތްކުރީ އެގްރިކަލްޗަރ މިނިސްޓްރީގެ ފަންނީ އެހީތެރިކަމާއެކު ދަނޑުވެރިންގެ ކޯޕަރޭޓިވް އުފެއްދުމަށެވެ.

ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމުގައި،ޝާހިދުއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާއި ދަނޑުވެރިން ދެކޮޅުވެރިވުމެވެ. ދަނޑުވެރިން ބޭނުންވަނީ އެމީހުން އުފައްދާތަކެތި ރިސޯޓަށް ގަންނަ އަގު އެމީހުންނަށް ލިބުމަށެވެ. ކޯޕަރޭޓިވް މެދުވެރިކޮށް ރިސޯޓަށް ސަޕްލައި ކުރާނަމަ ކޯޕަރޭޓިވް ހިންގުމުގެ ޚަރަދު ހަމަޖައްސަން ޖެހެއެވެ. ޚަރަދު ހަމަޖެއްސުމަށްޓަކައި ދަނޑުވެރިންގެ އަތުން ގަންނަ ކޮންމެ ކިލޯއަކަށް 5 ރުފިޔާ ލައިގެން ރިސޯޓަށް ވިއްކުމަކީ ދަނޑުވެރިން ބޭނުންވާ ގޮތެއް ނޫންކަމަށާއި، އެ 5 ރުފިޔާ ދަޑުވެރިޔާއަށް ލިބެންޖެހޭނެ ކަމަށް ދަނޑުވެރިން ހާމަކުރިއެވެ. ނަމަވެސް އެ 5 ރުފިޔާ ކޮންމެ ދަނޑުވެރިއަކަށް ހޯދައިދެވޭނެ ގޮތެއްނެތެވެ

. ރަށުގައި ތިބި ހުރިހާ ދަނޑުވެރިންގެ އަތުން ވަކިވަކިން ތަކެތި ގަތުމަކީ ރިސޯޓަށް ކުރެވޭނެ ކަމެއް ނޫނެވެ. މިކަން ދަނޑުވެރިންނަށް ވިސްނައިދޭން ކުރި މަސައްކަތް ނާކާމިޔާބުވުމުން ދެން ޝާހިދު މަސައްކަތްކުރީ، ކޯޕަރޭޓިވް ސޮސައިޓީ އުފައްދަން އެއްބަސްވި 10 ބޭފުޅުންނާއެކު އެ މަސައްކަތްކުރުމަށެވެ. ޖުމްލަ 10 މެމްބަރުންނާއެކު ކޯޕަރޭޓިވް ސޮސައިޓީ ރަޖިސްޓްރީކޮށް މަސައްކަތް ފަށައިގަތީ ކުރިން ހެދި ޕްރޮޕޯސަލްގައި ލިޔެފައިވާ ގޮތަށެވެ.

ޚަރަދުކުރާނެ ކެޕިޓަލެއް ނެތި ކޯޕަރޭޓިވް ސޮސައިޓީގެ މަސައްކަތް ފަށައިގަތުމުން ދަތިތަކެއް ކުރިމަތިވިނަމަވެސް، ޝަންގްރިއްލާ ރިސޯޓާއި ކޯޕަރޭޓިވްއާއި ދެމެދުވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ރިސޯޓުން ފޮނުވާ އޯޑަރަށް ރަށުން ތަކެތި ހަމަނުވެގެން ފުވައްމުލަކާއި ހުވަދުއަތޮޅުގެ އިތުރުން މާލެއިންވެސް ތަކެތި ގަނެގެން ރިސޯޓަށް ސަޕްލައިކުރުމުގެ މަސައްކަތް ފެށުމާއެކު، ރަށުގެ ދަނޑުވެރިންގެ އިތުބާރު ކޯޕަރޭޓިވްއަށް ލިބިގެން ދިޔައެވެ. އެހިސާބުން ރަށުގެ ހުރިހާ ދަނޑުވެރިން ކޯޕަރޭޓިވްއާއި ގުޅުނެވެ.

އުފައްދާ ތަކެތި ކޯޕަރޭޓިވްއަށް ވިއްކާލުމުން 7 ދުވަސްތެރޭ އަތަށް ޗެކް ލިބިފައި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނު އަގުހެޔޮކޮށް ކޯޕަރޭޓިވުން ލިބެންފެށުމާއެކު، މީދޫގެ ދަނޑުވެރިކަމަށް އައީ އިންގިލާބީ ބަދަލެކެވެ. އަގުބޮޑު ގްރީން ހައުސްތައް އިންސްޓޯލްމެންޓް އުސޫލުން ފައިސާދައްކާގޮތައް ދަނޑުވެރިންނަށް ދޫކުރަން ފެށުނެވެ. އެގޮތުން މިހާތަނަށް 4 ގްރީން ހައުސް އާއި 200 ޕޮޓްގެ އޮޓޯ ޕޮޓް ސިސްޓަމެއް ވަނީ ދޫކުރެވިފައެވެ. މީގެ އިތުރުން ހުޅުދޫ އަދި މީދޫގެ ކޮންމެ ދަނޑުވެރިޔަކަށް 5000 ރުފިޔާގެ ކްރެޑިޓް ލިމިޓެއްގެ ތެރޭގައި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ކޯޕަރޭޓިވުންދަނީ ފޯރުކޮށްދެމުންނެވެ. ނަތީޖާއެއްގެ ގޮތުން އަހަރުން އަހަރަށް ދަނޑުވެރިކަން ފުޅާވެ، ދަނޑުވެރިކަމުން ރަށަށް ވަންނަ އާމްދަނީ ވަނީ އިތުރުވެފައެެވެ.

މިއަދު އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީއަކީ ދަނޑުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ނަމޫނާ ކޯޕަރޭޓިވްއެކެވެ. 2011 ވަނަ އަހަރު ދަނޑުވެރިކަމުގެ ދާއިރާއިން އެންމެ ހަރަކާތްތެރި ކޯޕަރޭޓިވްގެ އެވޯޑް ހާސިލްކޮށްފައިވަނީ މި ކޯޕަރޭޓިވްއެވެ. އެންމެ 10 މެމްބަރުންނާއެކު ރަޖިސްޓްރީ ކުރި ކޯޕަރޭޓިވްގައި 502 މެމްބަރުން މިހާރު އެބަތިއްބެވިއެވެ. މި ކޯޕަރޭޓިވް މެދުވެރިވެގެން އަހަރަކު ރަށަށް 4 މިލިޔަން ރުފިޔާ މިހާރު އެބަ އެތެރެކުރެވެއެވެ. ކޯޕަރޭޓިވްގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުތެރޭގައި މިއަދަދު ދެގުނަ ކުރުމެވެ. އެހެން ކަމުން ޝާހިދު މީދޫ ދަނޑުވެރިންނާއެކު ފެށި ދަތުރު އަދިވެސް އޮތީ ކުރިއަށެވެ. މިދަތުރުގައި މީދޫގެ ދަނޑުވެރިން މިއަދުވަނީ ޒަމާނީ ދަނޑުވެރިކަމާއި ދިމާލަށް ދަތުރުފަށާފައެވެ

މައުލޫމާތު: http://shahidlive.wordpress.com/.

1 ކޮމެންޓް
Ahsan
ޑިސެމްބަރު 4, 2018
ކޯޕަރޭޓިވް society feshee Ahmed najeeb. Ebyfulha beyru kohllee