English Edition
Dhivehi Edition

ދޮންދީނި އިނގިރޭސި ބަހުން ކިޔާނަމަ ‘ވައިޓް ޓާރން’ އަކީ ރާއްޖޭގައި ހަމައެކަނި އައްޑޫ އަތޮޅުގައި އުޅޭ ޚާއްސަ ދޫންޏެކެވެ. ގައިގައި ހުންނަ ފަތުގައި ސާފު ހުދުކުލަ ހުންނަ މި ދޫނީގެ ތުބުގައި ހުންނަނީ ކަޅު ކުލައެކެވެ. މިދޫނި ކައި އުޅެނީ ކުދި މަހެވެ. އަދި މިދޫނި ނިދާ ދިރިއުޅެ ހަދަނީ ގަހުގެ އޮފީގައެވެ. މިދޫނި ދަރިމައިވަނީ ވެސް ދިރިއުޅޭ ގަހުގެ އޮފިގަނޑު މައްޗަށްބިސް އަޅައިގެންނެވެ. މިއީ އުމުރު ދިގު ދޫންޏެކެވެ. އެގޮތުން މިދޫނި ގާތްގަނޑަކަށް 18 އަހަރު ދިރިއުޅޭކަމަށް ބުނެއުޅެއެވެ

.މިހާރަކަށް އައިސް އައްޑޫ ސިޓީ ކައިރީގައި އޮންނަ ހުވަދު އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހައޮޑިގަލާގައިވެސް މިދޫނި ދިރިއުޅެއެވެ. އާންމު ގޮތެއްގައި މިދޫނި ދިރިއުޅެނީ ޓްރޮޕިކަލް ކަޑުގެ ސަރަހައްދުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގަކަމަށް ބުނެވެއެވެ. ދޮންދީނި އަކީ ވަރަށް މަދު އަދަދަކަށް ރާއްޖޭގައި ދިރިއުޅޭ ދޫންޏެއްކަމުން މިދޫނި ހިފާ ގެންގުޅުމަކީ ޤާނުނީ ގޮތުން މަނާކަމެކެވެ. މިއީ މިހާރު ހިމާޔަތް ކުރެވިފައިވާ ދޫންޏެކެވެ

އައްޑޫގައި ބޭއްވި ސާކް ސަމިޓާއި ދިމާކޮށް ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ ކައިރީގައި “ދޮންދީނި” މޮނިއުމެންޓެއް ބަހައްޓާފައިވެއެވެ. އައްޑޫއަށް ވައިގެ މަގުން ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެ ފުރަތަމައަށްވެސް އަޅައިގަންނަ އައްޑޫގެ ރަމްޒަކީ “ދޮންދީނި” އެ މޮނިއުމެންޓުންނެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ ދޮންދީނި މޮނިއުމެންޓު ނެގުމަށްފަހު އެއްލާލަފައެވެ.

އޭރު ހައުސިން މިނިސްޓްރީން ވިދާޅުވީ މޮނިއުމެންޓްގެ ބުޑު ވަރަށް ބޮޑަށް ފީވެ، ދަނބަރުވެ، ވެއްޓޭތީ އެހެން ހުއްޓާ މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ވެދާނެތީ މަރާމާތައް ނެގީ ކަމަށެވެ. ނަމަވެސް މަރާމާތައް ކަމަށްބުނެނެގި މޮނި އުމެންޓް އެއްލާލާފައި އޮންނަ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައިވަނީ އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުންތައް ކުރިގެ ހައުސިން މިނިސްޓަރ މުއިޒަށް ވެސް އަމަޒުވިއެވެ

.ދޮންދިނި މޮނިއުމެންޓް ނެގުމާއި ގުޅިގެން އެކި މީހުން ތަފާތު ހިޔާލު ފާޅު ކޮއްފައިވެއެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ މޮނިއުމެންޓް ނެގީ މާލެއާއި ހުޅުލެ ގުޅާލާ ބްރިޖް ކައިރީ ބަހައްޓަން މާލެ ގެންދިއުމަށް ކަަމަށެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ މޮނިއުމެންޓް ނެގީ ސިހުރު ހަދާފައިވާތީ ކަމަށެވެ.
ހަމަޔަގީނުންވެސް އައްޑޫސިޓީ ރަމްޒުކޮއްދޭ މި މޮނިއުމެންޓް އަބުރާ އޭގެ މަގާމުގައިބަހައްޓައި އައްޑޫ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ‘ދޮންދީނާ’ ބަލާލުމުގެ ފުރުސަތު ލިބުމަކީ ހުރިހާ އައްޑޫ ރައްޔަތުންގެވެސް އުއްމީދެވެ