އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް މުޅި ރާއްޖެ ތައްޔާރުވަމުންދާއިރު ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދަށް މިއަދަކީ ވަރަށް ޚާއްޞަ ދުވަހަކަށް ވެގެންދާނެއެވެ. ފަޒޫ އަށް މިދުވަސް ޚާއްސަވެގެން ދަނީ އިންތިޚާބީ ރައީސް ސޯލިހު ހުވާކުރެއްވުމާއި އެކު ފަޒޫ އަކީ މި ޖަރީޒާގެ ފަސްޓްލޭޑީ އަށް ވެގެންދާނެތީ އެވެ.
ސޯޝަލް މީޑިއާގައި މެޑަމް ފަޒޫއަށް މަރުޙަބާ އާއި ހެޔޮއެދުން ފޮނުވަމުންދާއިރު ގިނަ ބަޔަކު އިންތިޒާރުކުރަމުން ދަނީ އާ ފަސްޓްލޭޑީގެ ފުރަތަމަ ފެނިލުމަށެވެ. މެޑަމް ފަޒޫ ތުރުކުރައްވާނެ ހެދުންކޮޅަކާ ބެހޭ ގޮތުން ވެސް މީޑިއާގައި މީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. ގިނަ ބަޔަކު ބުނަމުން ދަނީ ރާއްޖޭގެ އެހެނިހެން ރައީސުންގެ އަނބިކަނބަލުންނެކޭ އެއްފަދައިން މެޑަމް ފަޒޫވެސް މިއަދު ފެނިގެންދާނީ ދިވެހިވަންތަ ދިވެހި ހެދުމަކުން ކަމެވެ.
މެޑަމް ފަޒޫއާއި ބެހޭ ގޮތުން އަދި މީޑިއާތަކުން މާ ގިނަ މައުލޫމާތު ތަކެއް ދީފައެއް ނުވެއެވެ. ނަމަވެސް ފަޒޫއަކީ ތައުލީމީ ދާއިރާގައި މުދައްރިސެއްގެ ގޮތުގައްޔާއި ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވެވި އަދި މިހާރުވެސް ތައުލީމީ ދާއިރާއާއި ގުޅުން ހުރި މަސައްކަތްތަކެއް ކުރައްވަވާ އިޖްތިމާއީ ބޭކަނބަލެއްކަން އެނގެއެވެ.
އިންތިޚާބީ ރައީސް އިބޫ ސޯލިޙް މީގެ ކުރިން ވިދާޅުވެފައިވަނީ އަނބިކަނބަލުން ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތީ އިޖުތިމާއީ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އާ ރައީސުލް ޖުމުހޫރިއްޔާ، މަގާމާ ހަވާލުވެވަޑައިގެންނެވުމާއި ހަމައިން މެޑަމް ފަޒޫވެސް އަމަލީގޮތުން އިޖްތިމާއީ މަސައްކަތުގައި ބުރަކޮށް އުޅުއްވާތަން ފެނިގެން ދާނެ ކަމަށް ރާއްޖޭގެ ގިނަ ބަޔަކު ދެކެއެވެ.