އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ
އެމަނިކުފާނު މިހެން ވިދާޅުވީ ތިން އަހަރަށްފަހު ރާއްޖެ ވަޑައިގެން މިއަދު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު އައްޑޫ އަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އިބޫގެ ސަރުކާރު ވެގެންދާނީ އައްޑޫ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭނެ ސަރުކާރަކަށް ކަމަށާއި އެގޮތުން އައްޑޫގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް އެ ސަރުކާރުން ކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫއަށް އަނެއްކާވެސް މިއަންނަނީ އުންމީދުން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ. އައްޑޫގެ ތަރައްގީ ކުރާނެ، އެއަތޮޅު ބިނާކުރާނެ އަދި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭނެ ސަރުކާރެއް އަނެއްކާވެސް މިވަނީ އެކުލަވާލެވިފައި ކަމަށެވެ. އެސަރުކާރު އުފެދުމުގައި އައްޑޫ ސިޓީގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކުރައްވައި ވިދާޅުވީ ރާއްޖެ އަނބުރާ ޑިމޮކްރެސީގެ މިސްރާބަށް ގެނައުމަށް އައްޑޫ ރައްޔިތުން ކުރި މަސައްކަތަކަކީ ދިވެހި ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ ކަމެއް ކަމަށެވެ.
އަދި މުޅި ރާއްޖޭގެ ތަރައްގީ ވެސް ހަގީގަތުގައި އެންމެ ބޮޑު ގުޅިފައިވާ އެއް ތަނަކީ އައްޑޫ ސިޓީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ސިޓީގެ ތަރައްގީ އާއި އެކީގައި މެނުވީ މާލެ އަށް ލުޔެއް އަދި މާލެ އަށް ފަސޭހައެއް ހޯދެން ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫގައި ކުރިއަށްގެންދާނެ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އަލި އަޅުއްވާލަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫގެ ބޭރު ފަޅުގައި އިތުރު ތިން ރަށެއް އާ ސަރުކާރުން އުފައްދަވާނެ ކަމަށާއި އަދި ރަށު ތެރޭގައި ވެސް ޓުއަރިޒަމްގެ ޒޯނުތައް އުފައްދަވާނެ ކަމަށެވެ. އަދި އެ ތަންތަނުގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކުން އައްޑޫ ސިޓީގެ ރައްޔިތުންނަށް އާމްދަނީ އާއި ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދެވޭނެ ކަމަށާއި، އައްޑޫގެ އެއާޕޯޓް އިންޓެނޭޝަނަލް އެއާޕޯޓަކަށް ހައްދަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
“މި ސިޓީގެ ތަރައްގީ އަށް ފެނާއި ނަރުދަމަ އާއި މަގުތައް ކޮންމެހެން ވެސް ބޭނުންވޭ. އެ މަސައްކަތަކީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި އެންމެ ބޮޑު އެއް އަހަމިއްޔަތުކަމެއް ދީގެން ފަށާފައިވާ މަސައްކަތްތަކެއް. އަނެއްކާވެސް އަޅުގަނޑުމެންނަށް ފުރުސަތު މި ލިބެނީ ބާރު ސްޕީޑުގައި އެ މަސައްކަތްތައް ނިންމުމަށް” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު އައްޑޫ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެ ސިޓީގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.