English Edition
Dhivehi Edition

ހޭންޑް ފުޓް މައުތް ރާއްޖޭގައި މިދުވަސްކޮޅު ފެތުރެމުންދާ ކަމަށާއި، މިބައްޔަށް ސަމާލުވުމަށް އައިޖީއެމްއެޗްގެ ސީނިއާރ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.

ޑރ. ފައިސަލް ވިދާޅުވީ އަނގައާ، ފަޔާއި އަދި އަތުން ފޮޅު ތަކެއް ނަގާ މިބަލި ހަލުއި ކަމާއެކު ފެތުރޭ ކަމަށާއި، މިބަލި ޖެހިގެން ޑޮކްޓަރަށް ދައްކާ ކުދިންގެ އަދަދު މިދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން މިބަލިން ސަލާމަތްވުމަށް އަތް ދޮވުން އާދަކޮށް، އެކުދިން ކުޅުމަށް ބޭނުން ކުރާ ސާމާނާއި، ދޮރުގެ އަތްގަނޑު ސާފުކުރުމަށް އެދޭ ކަމަށެ ވެސް ފައިސަލް ގެ ޓްވީޓްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ މިބަލި ޖެހޭ ކުއްޖާ ހަފްތާއެއް ވަންދެން ސްކޫލަށް ނުފޮނުވުމަށް އެދޭ ކަމަށާއި، ސްކޫލުތަކުގައި ވެސް ސައިބޯނިން ރަނގަޅަށް ދޮވެވޭގޮތަށް އިންތިޒާމް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވައިރަސްއެއްގެ ސަބަބުން ޖެހޭ މިބައްޔަކީ ހުރިހާ އުމުރެއް މީހުންނަށް ޖެހޭ ބައްޔެކެވެ. އެެހެން ނަމަވެސް މިބަލި ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އުމުރުން 10 އަހަރުގެ ދަށުގެ ކުދިންނަށެވެ.