ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލްކަމަށްވާ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2018 އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނިން ހާމަކުރި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މިއަހަރު ބާއްވަނީ 29 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހު ހެންވޭރު ދަނޑުގައިއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ދިރާގުގެ ކުޅިވަރު ފެސްޓިވަލް ކުރިއަށް ގެންދަނީ ވަރަށް ގިނަ އެންޖީއޯތަކާއި ސްކޫލުތަކާއި ގުޅިގެންނެވެ. އެގޮތުން މިއަހަރުގެ ފެސްޓިވަލްގައި ހަތަރު އެންޖީއޯ އަކާއި 11 ސްކޫލަކުން ބައިވެރިވެފައިވާ ކަމުގައި ދިރާގުން ބުނެއެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް އެވެ.
2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަންނަނީ ބާއްވަމުންނެވެ. މިއީ މިގޮތަށް ބޭއްވޭ 8 ވަނަ ފެސްޓިވަލްއެވެ. މިއަހަރުގެ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި 390 ކުދިން ބައިވެރިވިކަމަށް ދިރާގުން ބުނެއެވެ.
މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުން ކަމަށާއި ނުކުޅެދުންތެރިކަން ހުންނަކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީވެސް މި ފެސްޓިވަލްގެ މަޤްސަދެއްކަމަށްވެސް ދިރާގުން ބުނެއެވެ.
މި ފެސްޓިވަލްގައި ބޯލް ރޯލިން، އޮބްސްޓަކަލް ރިލޭ، ޓަނަލް ރޭސް އަދި ބެޓަން ރިލޭ ފަދަ ފޯރިގަދަ ކުޅިވަރުތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން މިއަހަރުގެ ފެސްޓިވަލް އެންމެ ހާއްސަ ވެގެންދާ އެއްކަމަކީ މިއަހަރުގެ ފެސްޓިވަލްގައި ޕެރަލިމްޕިކްސް ގައި ކުޅޭ ކުޅިވަރެއް ކަމަށްވާ “ބޮޗިއާ” ނަމަކަށް ކިޔޭ ސީޕީ ކުދިންނަށް ހާއްސަ ކުޅިވަރެއްވެސް ތަޢާރަފް ވެގެން ދާނެކަމެވެ. ދިރާގުންބުނީ މި ކަމުގެ ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމުގައެވެ.
މިއަހަރު ވެސް ވާދަވެރި ދުވުމުގެ މުބާރާތްވެސް ވަނީ ބާއްވަން ގަސްތުކޮށްފައިވާކަމަށާއި މިއަހަރުވެސް 4 ކެޓަގަރީ އަކުން ދަރިވަރުން ވާދަ ކުރާނެކަމަށާއި އެއީ 5 އަހަރާއި 8 އަހަރުގެ 40 މީޓަރު ގެ ކެޓަގަރީ، 8 އަހަރާއި 12 އަހަރުގެ 60 މީޓަރުގެ ކެޓަގަރީ، 12 އަހަރާއި 16 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ އަދި 16 އަހަރުން މަތީގެ 100 މީޓަރުގެ ކެޓަގަރީ އަދި 100 މީޓަރުގެ ވީލްޗެއަރ ކެޓަގަރީތައްކަމަށް ދިރާގުން ބުނެއެވެ.
މި ކޮމްޕެޓޭޓިވް ސްޕޯޓްސްގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި، އަދި އެހެން ކުދިންނެކޭ އެއްގޮތަށް ނުކުޅެދޭ ކުދިންނަށްވެސް މިފަދަ ސްޕޯޓްސްތަކުގައި ބައިވެރިވޭކަން ކުދިންނަށްވެސް އެގިގެންދާކަމަށް ދިރާގުންވަނީ ބުނެފައެވެ.