English Edition
Dhivehi Edition

ޕީރިއަޑްވުން ނުވަތަ މައްސަރުކަންތައްޖެހެން ފަށަނީ އާންމުކޮށް 12-13 އަހަރުގައި ނަމަވެސް މިޒަމާނުގައި އުމުރުން ނުވަ އަހަރުގައި މައްސަރު ކަންތައް ޖެހޭ ކުދިން ވެސް މަދެއް ނޫނެވެ. މައްސަރު ކަންތައް ޖެހުމަކީ ބައެއްއަންހެނުންނަށް ވަރަށް ވޭންހުރި ކަމަކެވެ. ނަމަވެސް ވަރަށް މަދުބަޔަކަށް އެއްވެސް އުނދަގުލަކާ ތަދަކާނުލާ އެދުވަސްތައް ނިންމާލެވެއެވެ.

މައްސަރު ކަންތަކުގައި ދިމާވާ ތަދާ ބެހޭގޮތުން ހަދާފައިވާ ރިސާޗްތަކުން ދައްކަނީ ޕްރި މެންސްރަލް ސިންޑްރޯމް ނުވަތަ “ޕީއެމްއެސް” އަކީ ސީ-ރިއެކްޓިވް ޕްރޮޓިން ނަމަކަށް ކިޔާ އެއްޗެއް ދޫވެގެން ތަދުވާ ހިސާބުގައި ދުޅަ ހުންނާތީ ދިމާވާ ކަމެއްގެ ގޮތުގަ އެވެ. އަދި މިފަދަ ތަދަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެންޓި-އިންފްލެމޭޓަރީ ބޭހެއް ބޭނުންކުރުން ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެ އެވެ.

ޕީރިއަޑްވާން ކައިރިވުމުން އަންނަ މޫޑު ގޯސްވުމުގެ އަލާމާތްތައް ފަދަ ބަނޑު އަކުނިވަޔަށް ދެމުން، ބުރަކަށީގައި ރިއްސުން، ކާހިތްވުން، ބަރުދަން އިތުރުވުން، ބަނޑު ފުއްޕުން އަދި އުރަމަތީގައި ރިއްސުން ފަދަ މައްސަލަތައް ދިމާވެއެވެ.މިކަމަށް އޮތް ހައްލެއްގެ ގޮތުން ޑޮކްޓްރުން އިރުޝާދު ދެނީ އިންފްލެމޭޝަން އަކަށް މަގުފަހިވެދާނެ ކަންތައްތަކުން ދުރުވެ އަދި މާބޮޑަށް ރިއްސާ ނަމަ އެންޓި-އިންފްލެމޭޝަން ބޭހެއް ބޭނުން ކުރުމެވެ.

މައްސަރުކަންތައް ޖެހުމަކީ ދަރިމައިވާ އުމުރުގެ ހުރިހާ އަންހެނުންނަށް ވެސް ކޮންމެ މަހަކު ދިމާވާ ކަމަކަށް ވާއިރު އަންހެނުން މިކަމުގެ ވޭނުގައި އުޅެމުން އައި ނަމަވެސް އެހެނިހެން ބަލިތަކަށް އަބަދު ދިރާސާތައް ހަދަމުންދާ މިންވަރަށް، މި ތަދު ކަނޑުވާލާނެ ގޮތެއް ހޯދަން އެކަށީގެންވާ ސައިންޓިފިކް ރިސާޗްތަކެއް މިހާތަނަށް ހަދާފައިނުވާކަން އެންމެންވެސް ފާހަގަކުރެ އެވެ. ފަހަރުގައި އެއީ ފިރިހެނުންނަށް ދިމާވާކަމަކަށް ނުވާތީ އެކަމާ މާބޮޑަށް އަޅާނުލެވެނީ ކަމަށް ދިރާސާކުރާ ބައެއް ބޭފުޅުންވެސް ބުނެއެވެ.

މައްސަރުކަންތައް ޖެހުމުން ހަށިގަނޑުގައި އަޅާވޭންކުޑަކޮށްލުމަށް މި5 ކާނާބޭނުން ކޮށްލާށެވެ.

1- ކަރާ

ކަރާއަކީ އޭގައި ވަރަށްގިނައިން ފެނާއި ހަކުރު އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ވަރަށް ފެންލިބި އިންފްލެމޭޝަނުން އަދި އޭގައި އކުލެވޭ ހަކުރުން ދުޅަވުމުން މީހާ ސަލާމަތް ކޮށްދެއެވެ.

2- ޔޯގަޓް

ޔޯގަޓަކީ އޭގައި ކެލްޝިއަމް ހުންނަ އެއްޗަކަށް ވުމުން މައްސަރު ދުވަސްވަރު ބޭނުންކޮށްލުމުން ހަށިގަނޑަށް ބޭނުންވާ ކެލްޝިއަމް ލިބި ކަށިވަރުގަދަ ކޮށްދެއެވެ.

3- ސެލްމޮން

ސެލްމޮން އަކީ އޮމޭގާ-3 ފެޓީ އެސިޑް އެކުލެވޭ މަހެކެވެ. އެހެންކަމުން އޭގައި ހުންނަ އެންޓި އިންފްލެމެންޓަރީ ފެޓްސް އިން މަސްލް ރިލެކްސް ކޮށްދީ މައްސަރުކަންތަކުގައި ދިމާވާ ތަދު ކުޑަކޮށްދެއެވެ.

4- ޑާކްޗޮކްލެޓް

ޑާކްޗޮކްލެޓަކީ މެގްނޭޝިއަމް އެކުލެވޭ އެއްޗެކެވެ. މައްސަރު ދުވަސްވަރު ޗޮކްލެޓް ބޭނުން ކުރުމުން މޫޑަށް އަންނަ ބަދަލުތަކާ ދުރުކޮށްދެއެވެ.

5- އޮރެންޖް

އޮރެންޖަކީ އޭގައި ޕޮޓޭޝިއަމް އެކުލެވޭ މެވާއެކެވެ. މައްސަރު ކަންތައް ދިމާވާދުވަސްވަރު ހަށިގަނޑުން ވަރަށް ބޮޑަށް ޕޮޓޭޝިއަމް ލެވެލް ދަށްކޮށްލު މުން ބަނޑުގައި ރިއްސުން އިތުރުވެއެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ޕޮޓޭޝިއަމް އޮރެންޖް ކާލުމުން ލިބުމުން ބަނޑުގައި ރިހުން ކުޑަވެއެވެ