ގާނާގެ ޝިކާރައަކަށްވެ ޕާކިސްތާންގެ މޮޑެލް އަދި ފެޝަންޑިޒައިނަރ އަނަމް ތަނޯލީ ދަންޖެހިގެން އަމިއްލަ އަށް މަރުވެއްޖެ އެވެ.
ޕާކިސްތާނުގެ ލޯކަލް ނޫސްތަކުން ބުނެފައިވާ ގޮތުގައި އުމުރުން 26 އަހަރުގެ އަނަމް އަމިއްލަ ގޭގައި ދަންޖެހިގެން މަރުވެފައި ވަނީ މިމަހު ކުރީކޮޅުގައެވެ.
އަނަމް ގެ މަރާބެހޭގޮތުން އޭނަގެ އާއިލާމީހުން ބުނެފައިވަނީ މަރުވުމުގެ ކުރިން ޑިޕްރެޝަން މައްސަލަ އަދި މެންޓަލް ސްޓްރެސް އަށް އަނަމް ފަރުވާ ހޯދަމުން ދިޔަކަމަށާއި މަރުވުމުގެ އެއްދުވަސް ކުރިން ތެރަޕިސްޓަކާ ބައްދަލު ކުރުމަށް އެޕޮއިންޓްމެންޓް ވެސް ހައްދާފައި ވާނެކަމަށެވެ. އަދި މަރުވުމުގެ ދުވަސް ކޮޅެއް ކުރިން އަނަމް ވަނީ ބުލީ ކުރިމަކީ ވަރަށް ނުބައި ކަމެއް ކަމަށް ބުނެ ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި ޝެއާކޮށްފައެވެ. އެވީޑިއޯ ގައި އަނަމް ލައިގެން ހުރި ޓީޝާޓްގައިވެސް ވަނީ “ބެކް އޮފް ބުލީސް” މިހެން ލިޔެފައެވެ.
އަނަމް ގެ އާއިލާ މީހުން ބުނެފައިވަނީ އަނަމް މަރުވުމުގެ ކުރިން ގަނާގެ ޝިކާރައަކަށް ވެފައިވާކަން ނޭނގޭ ކަމަށާއި ނަމަވެސް އެ ވީޑިއޯފެނުމުން އޭނަ އަށް ދިމާވި ޑިޕްރެޝަން މައްސަލައަކީވެސް ގަނާ ކުރުމުގެ ސަބަބުން ދިމާވި ކަމެއް ކަން އެނގުނު ކަމަށެވެ.
އަނަމްގެ ފޭނުންނާއި ގާތް ރައްޓެހިންވަނީ އޭނަ ގަނާގެ ޝިކާރައަކަށް ވެފައިވާކަން ފޮރުވައިގެން ހުރެ މިއަދު ދުނިޔެއާ ވަކިވެފައިވާތީ އެކަމާ ބުނަންނޭނގޭ ހާވެސް ހިތްދަތިކަން ލިބޭކަމަށް ބުނެފައެވެ. އަނަމްގެ މަރުގެ ހާދިސާ އާއި ގުޅިގެން އެއްބަޔަކު ވަނީ “ޑިޕްރޭޝަން” އާ “ގަނާ” އާ ބެހޭގޮތުން ދުނިޔޭގެ އެންމެން ސީރިއަސްކޮށް ހޭލުންތެރި ކުރަންވެއްޖެ ކަމަށް ބުނެ އަޑު އުފުލާފައެވެ.