އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި މިހާރު ކުރިއަށްދާ 18 ވަނަ އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓް ގެ ތަށި ދެކުނު ކޮރެއާ އުފުލާލުމާއި އެކު ޓޮޓެންހަމް ހޮސްޕާގެ ފޯވާޑް ސޮން ހިއުން-މިން އަދި މުޅި ޓީމް އަސްކަރީ ޚިދުމަތަށް ނުގޮސް ސަލާމަތް ވެވިއްޖެއެވެ.
ދެކުނު ކޮރެއާއިން މި އިވެންޓްގެ ތަށި ހޯދާފައިވަނީ ފައިނަލްގައި ޖަޕާން 2-1 އިން ބަލިކޮށްގެންނެވެ.
އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފަހު ދެކުނު ކޮރެއާއިން ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވާއިރު މިމުބާރާތުގެ ތަށި ނުލިބުނު ނަމަ މުޅީ ޓީމް 21 މަސް ދުވަސް ވަންދެން އަސްކަރިއްޔާއަށް ހިދުމަށް ކޮށްދޭން ޖެހޭނެއެވެ.
ދެކުނު ކޮރެއާގެ ގާނޫނުގައިވާ ގޮތުން ކޮންމެ ފިރިހެނަކު ވެސް 28 އަހަރު ވުމުގެ ކުރިން އެގައުމުގެ އަސްކަރިއްޔާގައި ދެ އަހަރު މަސައްކަތް ކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް، އޮލިމްޕިކް ރަން މެޑަލެއް ނުވަތަ އޭޝިއަން ގޭމްސްގައި ރަން މެޑަލު ހޯދާ އެތްލީޓުން އެ ހިދުމަތް އަދާ ކުރަން ނުޖެހޭނެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު ކޮރެއާ އިން މެޗުގެ ލީޑު ނަގާފައިވަނީ އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ތިން ވަނަ މިނެޓުގައި ލީ ސިޔުން-ވޫ ކާމިޔާބުކޮށްދިންއިރު ދެ ވަނަ ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވަން ހީ-ޗަން އެވެ.
ކޮރެއާއިން އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ދެ ލަނޑުގެ ލީޑެއް ނަގާފައިވާއިރު ޖަޕާނުން ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ ފަހު ވަގުތު ޔުއެޑާ އަޔާސޭގެ ލަނޑުން މެޗުގެ ފަރަގު ކުޑަކޮށްފައެވެ.
މިމުބާރާތުގެ ތަށި ފަސް ފަހަރު ދެކުނު ކޮރެއާ އިން ހޯދާފައިވާއިރު އެންމެ ފަހުން 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި އުތުރު ކޮރެއާ ބަލިކޮށް ރަން މެޑަލް ހޯދި ޓީމްގައި އެ ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ ސަން އަށް ކުޅެވޭ ގޮތްނުވީ އޭރު އޭނާ ހުރި ޖަރުމަނުގެ ބެޔާ ލެވަކޫސަނުން ދޫނުކުރުމުންނެވެ. ޓޮޓެންހަމުން އޭނާ ގަތީ 22 މިލިއަން ޕައުންޑަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.