English Edition
Dhivehi Edition

މިހާރު މާލޭގައި ކުރިއަށްދާ މަގުހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމައި، ތާރު އަޅަން ބޭނުންކުރި ވަސީލަތްތައް ރ.ދުވާފަރަށް ގެންގޮސް އެރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުވާފަރުގައި ރޭ ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްގެންދިޔުމުގައި ޓެކްނިކަލް ގިނަ މައްސަލަތަކެއް ފެންމަތިވި ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ އިރުޝާދާއެކު، އެ މަސައްކަތް ހަލުވި ކުރުމަށް މަސައްކަތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އަންނަ ސެޕްޓެމްބަރު މަސް ތެރޭގައި ދުވާފަރުގެ ބޮޑުމަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެކަމަށް ބޭނުން ކުރާނީ މާލޭގެ މަގުހެދުމަށް ބޭނުންކުރި ވަސީލަތްތައް ކަމަށާއި، އޭގެ އިތުުރުން ހއ.ދިއްދޫގައި ހުރި ތާރު އެޅުމަށް ބޭނުން ކުރާ މެޓީރިއަލް ބާކީ ތަކެތި އަންނަ ސެޕްޓެމްބަރު މަސް ތެރޭގައި ދުވާފަރަށް ގެނެސް މަސައްކަތް ފަށައިގަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައި އެ ހުރިހާ އެއްޗެއް ދުވާފަރަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.