English Edition
Dhivehi Edition

މިއަދަކީ ޛުލްހިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ

1439 އަހަރުގެ ޛުލްހިއްޖާ މަހުގެ ހަނދު ސާބިތުވި ކަން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން އިއުލާނު ކުރުމާއި ގުޅިގެން މި ހިނގާ އޮގަސްޓް މަހުގެ 12 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ޛުލްހިއްޖާ މަހުގެ އެއްވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ރޭ ވަނީ ހަމަޖައްސައިފައެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަކީމއިަދު ކަމަށްވުމުން އަރަފާތް ދުވަސް ވާނީ މި އޯގަސްޓް މަހުގެ 20 ވަނަ ދުވަހަށް ކަމަށެވެ.

ޛުލްޙިއްޖާމަހަކީ އެ މަހެއްގައި މާތްވެގެންވާ ޙައްޖުގެ އަޅުކަން ލައްވަވާފައިވާ މަސް ކަމަށްވާއިރު މި މަހުގެ ފުރަތަމަ ދިހަ ދުވަހުގައި ފޮރުވިފައިވާ މަތިވެރިކަން އެނގިއްޖެނަމަ، ތެދުވެރި މުއުމިނަކު އެ ދުވަސްތަކުގައި ލައްވާފައިވާ މަތިވެރިކަމުން މަޙްރޫމުވާކަށް ނޭދޭފަދަ ގިނަ ގުނަ ސަވާބާ ދަރުމަ ލައްވަވާފައިވާ ޚާއްޞަ މައްސަރެކެވެ.

މި ދުވަސްތަކާ ބެހޭގޮތުން މާތް اللَّهُ ވަޙީކުރައްވާފައިވެއެވެ. {وَالْفَجْرِ * وَلَيَالٍ عَشْرٍ.} (الفجر: ١ – ٢) މާނައީ: {ފަތިސް ގަންދެއްވަމެވެ. * އަދި ދިހަ ރޭ ގަންދެއްވަމެވެ.}

ޢިލްމުވެރިން ވިދާޅުވާގޮތުގައި اللَّهُތަޢާލާ ވަކި އެއްޗެއް ގަންދެއްވައި ހުވައި ވަޙީކުރެއްވުމުގެ މާނައަކީ، އެ އެއްޗެއްގައިވާ މަތިވެރިކަން ހާމަކުރެއްވުމެވެ. މި އާޔަތުގެ ތަފްސީރުކުރައްވަމުން އަލްއިމާމު އިބްނުކަޘީރު ރަޙިމަހު اللَّهُ ވިދާޅުވެފައިވެއެވެ. [ޢައްބާސްގެފާނުގެ ދަރިކަލުންނާއި، އިބްނުއްޒުބައިރާއި، އެހެންވެސް ސަލަފުއްޞާލިޙުގެ ޢިލްމުވެރިންނާއި ފަހުގެ ޢިލްމުވެރިންވެސް ވިދާޅުވާގޮތުގައި އެ ދިހަ ރެއޭ ވަޙީކުރެއްވި ބަސްފުޅުގެ މާނައަކީ، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.] (ތަފްސީރު އިބްނުކަޘީރު، ވޮލިއުމް 8، ޞަފްޙާ 390)

އެހެން އާޔަތެއްގައިވެއެވެ. {وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ.} (الحج: ٢٨) މާނައީ: {އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެންاللَّهُގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ.}

އަލްއިމާމު އިބްނުޙަޖަރު ވިދާޅުވެފައިވެއެވެ. [މި ދުވަސްތައް މިހާ މަތިވެރިވުމުގެ ސިއްރަކީ، ނަމާދާއި، ރޯދައާއި، ޞަދަޤާތްކުރުމާއި، ޙައްޖުވުންފަދަ އެންމެ މަތިވެރި އަޅުކަމުގެ އެންމެހައިކަމެއް އެ ދުވަސްތަކުގައި ކުރެވޭގޮތްވެފައިވުމެވެ. މިނޫން ދުވަސްތަކެއްގައި މި އެންމެހައި އަޅުކަން އެކުގައި ކުރެވޭނެގޮތެއް ނުވެއެވެ.]