English Edition
Dhivehi Edition

މަގުމަތީ އެކްސިޑެންޓްތަކުގައި ބޮލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ އެންމެ ރަނގަޅު އެއްކަމަކީ ހެލްމެޓް އަޅައިގެން ދުއްވުމެވެ. އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ހެލްމެޓް އަޅައިގެން ދުއްވުމަށް ޤާނޫނަކުން ކަނޑައަޅައިފައި ނުވެއެވެ. މިސީޓިގައި ހެލްމެޓް އަޅައިގެން ދުއްވުމަށް މިގޮތަށް ކަނޑައަޅާފައި ވަނީ ޢާއްމު ދުއްވާ ސްޕީޑަށްވުރެ ބާރަށް ދުއްވުމުގެ ހުއްދަ ދެވިފައިވާ ސަރަޙައްދެއް އޮތުމުންނެވެ. ރާއްޖޭގައި ހިނގާ އެންމެ ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގަނީ އައްޑޫ ސިޓީގެ މަގުތަކުގައެވެ. އަދި ފާއިތުވެދިޔަ 10 އަހަރަށް ބަލާއިރުވެސް އެކްސިޑެންޓްތަކުގައި އެންމެ ގިނަ މީހުން ނިޔާވެފައިވަނީ އެސިޓީގެ މަގުތަކުގައި ހިނގާފައިވާ އެކްސިޑެންޓްތަކުގައެވެ. ހަމަ އެއާއި އެކު އެކްސިޑެންޓެ ތަކުގައި ނިޔާވެފައިވާ ފަރާތްތަކުގެ %90 މީހުން ނިޔާވެފައިވަނީ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ. އެކްސިޑެންޓްތަކުގައި ބޮލަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ހެލްމެޓް އަޅައިގެން ދުއްވަން އާދަކުރަން ޖެހެއެވެ. ވަކި ޤާނޫނަކުން ކަމެއް ލާޒިމްކުރުމުން އެކަމެއް ކުރުމުގެ ވިސްނުން ދޫކޮށް، ދުރާލާ ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ އާދަ އިސްކުރަންޖެހެއެވެ. ‘ރައްކާވެތިބިއްޔާ ދަތުރޭ’ ބުނާ ބީދައިން، މަގުމައްޗަށް ނުކުތުމުގެ ކުރިން އެތަނުގެ ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމެވެ.