English Edition
Dhivehi Edition

އެމްއެމްޕީއާރްސީ އިން ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބުނު 80 މިލިއަން އެމެރިކާ ޑޮލަރު ރަައީސް ޔާމިންގެ ގެކޮޅަށް ވެއްދިކަމަށް ކުރީގެ ނައިބް އަދީބް ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދިހަ މައްސަލައެއްގެ ޝަރީޢަތުގައި މިއަދު ވާހަކަ ދައްކަމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ 10 ދައުވާގެ މިއަދުގެ އަޑުއެހުމުގައި އެ ދައުވާތަކަށް އިންކާރު ކުރައްވާ އަދީބު ވިދާޅުވީ އެ ދައުވާތައްކޮށްގެން އުޅެނީ ރައީސް ޔާމީންކޮށްފައިވާ ވައްކަންތައް ފޮރުވަން ވެގެން ކަމަށެވެ. އަދީބު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ 80 މިލިއަން ޑޮލަރަށްވާ ނަގުދު ފައިސާ ރައީސްގެ ގެކޮޅަށް ވެއްދި ކަމަށާއި އެ ފައިސާތައް ގުނަނީ ރައީސްގެ ގޭގައި ކަމަށެވެ. އެ ފައިސާތައް ގުނަނީ އެގޭގައި ހުންނަ ކޮޓަރިއެއްގެ ތެރޭގައި އެގޭގައި އުޅޭ ބަންގާޅީއަކާއެކު ރައީސް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ 2012 އަދި 2013 ވަނަ އަހަރު ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ޖަމާކުރެއްވީ މީރާއަށް ކަމަށެވެ. އަދި އެކަން 2014 ވަނަ އަހަރު ބަދަލު ކުރެއްވީ ރައީސް ކަމަށާއި، ރައީސް ނިންމެވީ ހުރިހާ ފައިސާއެއް އެމްއެމްޕީއާރްސީއަށް ޖަމާކުރާ ގޮތަށް ކަމަށް އަދި އޭގެ ފަހުން އަމަލުކުރަމުން ދިޔައީ އެގޮތަށް ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބް އިރުތަށް ވިދާޅުވީ އެމްއެމްޕީއާރްސީ އިން ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބުނު 80 މިލިއަން އެމެރިކާ ޑޮލަރު މާރުކުރާ ކުންފުނިތަކަށް ދޫކޮށް އެއަށް ލިބުނު ދިވެހި ފައިސާ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ގެންގޮސް އެކި ފަރާތްތަކަށްވެސް ބެއްސެވި ކަމަށެވެ.

މިއައަދު ކުރިޔަށްގެންދިޔަ ދިހަމައްސަލަތަކުގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން އަދީބް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކަށް ލިބުނު ފައިސާ މީރާއަށް ޖަމާ ކުރަން ނުޖެހޭ ގޮތަށް ބަދަލު ކުރީ ސީދާ ރައީސް ޔާމީން ކަމަށެވެ. އަދި އެ ވާހަކަތައް ނުދެއްކުމަށާއި ދައްކައިފިނަމަ އަދީބަށް ދެރަގޮތެއް ވެދާނެކަމަށް އަންގާފައިވާކަމަށްވެސް އަދީބް ވިދާޅުވިއެވެ.