English Edition
Dhivehi Edition

ހެނދުނު ހޭލާގޮތަށް އެއްޗެއް ނުކައި ހުރުމަށްވުރެ ކޮންމެވެސް އެއްޗެއް ކެއުން ރަނގަޅެވެ. އެއީ ދުވަހުގެ ފެށުމެވެ. އަދި ނާސްތާ ވީހާވެސް އަވަހަށް ނެގުން މުހިންމެވެ. ރަނގަޅު މިންވަރަކަށް ފައިދާ ހުރި ކާނާ ކެއުމަކީ ހަށިގަނޑަށް ހަކަތަ ގެނުވައިދޭ އަދި ދުޅަހެޔޮކަން މަތީ މީހާ ބަހައްޓައިދޭ ކަމެކެވެ.

ފައިދާހުރި ކާނާ އެކުލެވޭ ނާސްތާއެއްގައި މޭވާ އާއި ތަރުކާރީ ހިމެނޭނެއެވެ. ލޯ ފެޓް ޕްރޮޓީން އާއި ގޮދަން ހިމެނޭނެއެވެ. ކާބޯހައިޓްރޭޓްސް އާއި ޕްރޮޓީން އާއި މަދު މިންވަރަކަށް ފެޓްސް އެކުލެވޭ ގޮތަށް ނަގާ ނާސްތާއެއްގެ ސަބަބުން ދުޅަހެޔޮކަން މަތީ ބަހައްޓައި، ބަނޑުހައިވުމުން ދުރުކޮށްދޭނެއެވެ. ރަނގަޅު ނާސްތާއެއްގެ ސަބަބުން ދުވަހުގެ މަސައްކަތްތައް ފުރިހަމަ އަށް ރާވާލެވި، މަސައްކަތުގެ ދުވެލި ބާރުވެއެވެ.

ހަށިހެޔޮކޮށް ހުރުމަށްޓަކައި ނަގާ ނާސްތާއެއްގައި ކޮންމެހެން ވެސް މޭވާ އާއި ތަރުކާރީ ހިމެނެން ޖެހެއެވެ. އެގޮތުނ މޭވާ ހިމެނުމުން ވިޓަމިންސް އާއި މިނަރަލްސް އެކަށީގެންވާ ވަރަށް ހަށިގަނޑަށް ލިބިގެންދާނެއެވެ. އަދި މިނަރަލްސްގެ ސަބަބުން ހަށިގަނޑުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ގެންދެވި ބަލިތަކުން ދިފާޢުވުމަށް ބާރަކަށް ވެގެންދެއެވެ.

ދޮންކޭލަކީ އާއްމުކޮށް ނާސްތާގައި ބޭނުންކުރާ މޭވާއަކަށްވާއިރު އެއީ ހަށިގަނޑުގެ މަސްތަކަށް އެންމެ ފައިދާ ހުރި އެއް މޭވާ އެވެ. ފައިބާ އެކުލެވޭ މޭވާ ކެއުމުގެ ސަބަބުން ހަޖަމްވުމުގެ ނިޒާމުގެ މަސައްކަތްތައް ރަނގަޅުވެގެން ދެއެވެ. އަދި ހަމައެއާއިއެކު ހަށިގަނޑުގެ ބަރުދަން އެއް މިންގަޑެއްގައި ދަމަހައްޓައި ދެއެވެ.

ހެނދުނުގެ ނާސްތާއަށް ހަމައެކަނި މޭވާ އާއި ތަރުކާރީ ކެއުމަކީ އެންމެ ރަނގަޅު ގޮތް ނޫނެވެ. ސަބަބަކީ ހަށިގަނޑަށް ބޭނުންވާ މާއްދާތަކެއް ކަމުގައިވާ ޕްރޮޓީންސް އާއި ފެޓްސް އަކީ މޭވާއިން ލިބޭ އެއްޗަކަށް ނުވާތީ އެވެ. އޭގެ ސަބަބުން އަވަހަށް ވަރުބަލިވެ، އިތުރަށް ކެއުމަށް ބޭނުންވެގެން ދާނެއެވެ. އަދި ހަމަ އެހެންމެ ހަކުރުގެ މިންވަރު މައްޗަށް ދިޔުމަށްވެސް މަގުފަހިވެގެން ދާނެއެވެ.

ބިސްގަނޑާއި، މޭވާ އާއި ކިރާ ޔޯގަޓް ފަދަ ތަކެއްޗާއި އެކު ޓޯސްޓް ކުރި ޕާނާއި ޕީނަޓް ބަޓަރ ކެއުމަކީ ފައިދާ ހުރި ކާނާ ކެއުންކަމަށް ބެލެވެއެވެ. އަދި އެއަށް އިތުރު ކުރުމުގެ ގޮތުން ތާޒާ މޭވާ ފަނިތައްޓެއް ބޯލެވިދާނެއެވެ. މޭވާ އާއި ތަރުކާރީ އާއި އެކީގައި ނެގޭ ނާސްތާއެއްގެ ސަބަބުން އިޙްސާސް ނުކުރެވޭ ފަދަ ގިނަ ގުނަ ފައިދާތަކެއް ހަށިގަނޑަށް ލިބިގެންދެއެވެ.