English Edition
Dhivehi Edition

26 ޖުލައި އިން 29 ޖުލައިގެ ނިޔަލަށް އައްޑޫގައި ކުރިއަށް ގެންދިޔަ މަކިޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގައި ހިތަދޫ ސްކޫލުން ފާހަގަކުރެވޭފަދަ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މުބާރާތުގައި ހިތަދޫ ސްކޫލުގެ 14 އަހަރުން ދަށުގެ އުމުރުފުރާއިން ބައިވެރިވި އާއިޝަތު ހިމްނާ ހަސަން ވަނީ ބައިވެރިވި ހުރިހާ އިވެންޓް އަކުން ގޯލްޑް މެޑަލް ހާސިލް ކޮށްފައެވެ. އަދި ހިމްނާ ވަނީ މަކީޓާގެ ދެ ރިކޯޑް ހަދައި ސްކޫލަށް ރީތި ނަން ހޯދައިދީފައެވެ. ހަމަ އެހެންމެ ހިމްނާ ވަނީ މިމުބާރާތުގެ އޯވާއޯލް ބެސްޓް ގާލް އެތްލީޓްގެ މަގާމް ވެސް ހާސިލް ކޮށްފައެވެ. 16 އަހަރުން ދަށުގެ އުމުރުފުރާއިން ބައިވެރިވި މުޙައްމަދު ނާވީ ނަސީރު ވެސް ވަނީ 400 މ އިން 3 ވަނަ ހޯދައި ބްރޯންޒް މެޑެލް އެއް ހޯދާފައެވެ. މީގެ އިތުރުން ހިތަދޫ ސްކޫލްގެ މަރިޔަމް އަލްހާ ހުސެއިން ވެސް ވަނީ ދެ ބްރޯންޒް މެޑަލް އަދި ސިލްވާ މެޑަލް އެއް ހޯދާފައެވެ. ހިތަދޫ ސްކޫލްގެ ސްޕޯރޓްސް ކަންތައްތަކާއި ޙަވާލުވެ ހުންނެވި ލީޑިންގް ޓީޗަރ މަރިޔަމް ލަތީފާ ވިދާޅުވެފައިވަނީ ހިތަދޫ ސްކޫލުގެ ހުރިހާ ދަރިވަރުންނަކީވެސް ކާމިޔާބު ހޯދުމަށް ހިތްވަރާއެކު މަސައްކަތް ކުރާ ކުދީންކަމުގައެވެ. އަދި ކުރިޔަށް އޮތްތަނުގައި އެތްލެތިކްސް ދާއިރާއިން ކުރިޔަށްދާން ބޭނުންވާހުރިހާ ކުދީންނަށް އެކަމުގެ ފުރުސަތު އަބަދުވެސް ހުޅުވާލެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ޓީމްގެ އޮފިޝަލެއްގެ ގޮތުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކު ވިދާޅުވީ އެތްލެޓިކްސް މުބާރާތުގައި ބައިވެރިވި ކޮންމެ ދަރިވަރަކީ ކާމިޔާބު ކުއްޖެއް ކަމަށެވެ.އަދި ވަނަޔެއް ހާސިލް ނުކުރެވުނުކަމުގައިވިޔަސް ހުރިހާ ދަރިވަރުންނަކީ ވެސް ހިތްވަރާއެކު މަސައްކަތް ކޮށްފައިވާ ދަރިވަރުން ކަމަށެވެ. ސްކޫލުގެ ޕްރިންސިޕަލް ޑރ.އާސިޔަތު މުހައްމަދު ދީދީ ވިދާޅުވެފައިވަނީ މިއީ ސްކޫލަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ކާމިޔާބީ އެއް ކަމަށެވެ. ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ބޮޑެތި ކާމިޔާބީ ތައް ހޯދުމަށް ހިތްވަރާއެކު މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ.