English Edition
Dhivehi Edition

ފިލިޕީންސްގެ ޔުނިވާސަލް ރޮބީނާ ކުންފުނިން އުފައްދާ “ޖެކް އެންޑް ޖިލްް” ބްރޭންޑުގެ “ކްލައުޑް9، އޯވަލޯޑު”ގެ ޗޮކްލެޓެއްގެ ތެރެއިން މަރުވެފައިވާ ސޫއްޕެއް ފެނިގެން އެ ވައްތަރުގެ ޗޮކްލެޓް ކެއުން މަނާކޮށްފި އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޖެކް އެން ޖިލް “ކްލައުޑް 9 އޯވަލޯޑް” ޗޮކްލެޓަކުން މަރުވެފައިވާ ސޫއްޕެއް ފެނިފައިވާ ކަމަށާއި، އެހެންކަމުން އެ ޗޮކްލެޓު ނިސްބަތްވާ ބެޗު ނަމްބަރު EXP 14.5.2018 BB ރީކޯލްކުރުމަށް ނިންމާފައިވާ ކަމަށެވެ. އެމްއެފްޑީއޭގެ ބަޔާނުގައި ބުނީ މަރުވެފައިވާ ސޫފި ފެނުނު ބެޗް ފިހާރަތަކުން ނަގަން ނިންމާފައިވާ ކަމަށެވެ. އަދި އެ އުފެއްދުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ތަފާތު ބެޗުތަކުން ސާމްޕަލް ނަގައި އިތުރަށް ޗެކުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އަދި މި ބެޗްގެ ޗޮކްލެޓް ރީކޯލް ކުރަން ފަށާފައިވާ އިރު، ރައްކާތެރިކަމަށްޓަކައި މި ބެޗުގެ ޗޮކްލެޓު ނުވިއްކުމަށާއި، އާންމުން އެތަކެތި ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ފިހާރަތަކުގައި އެ ބެޗުގެ ޗޮކުލެޓު ހުރި ނަމަ ރަސްމީ ގަޑީގައި އެ އިދާރާ އަށް ގުޅައިގެން ރިޕޯޓުކުރަން ވެސް ވަނީ އަންގައިފަ އެވެ. އެމްއެފްޑީއޭގެ ނަމްބަރަކީ 3014304 އެވެ.