English Edition
Dhivehi Edition

އަސްރިއްޔާ ޕްރީސްކޫލްގެ 50ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް އެސްކޫލްގައި ފާހަގަކޮށްފިއެވެ.

50 ވަނައަހަރީ ދުވަހާއި ގުޅިގެން ހުކުރު ދުވަހު ހަވީރު ސްކޫލްގައިވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ތައުލީމީ ގޮތުން ހުޅުމީދޫގެ ދަރީންނަށް ވަރަށްއަގުހުރި ޚިދްމަތް ތަކެއް ދިގުމުއްދަތަކަށް ކޮށްދެއްވި އަދި ތައުލީމު ނަގަހައްޓާ ދެމެހެއްޓުމުގައި ވަރަށް އިސްދައުރެއް އަދާކޮށް ދެއްފައިވާ ޝަޙްސިއްޔަތެއް ކަމަށްވާ އަލްފާޟިލް އަލީ ޚާލިދެވެ.

މީގެ އިތުރުން ޖަލްސާގައި ޝަރަފްވެރިންގެ ގޮތުގައި ސަރުކާރުގެ އެކިއެކި މުއައްސަޞާތަކުގެ ބޭފުޅުންނާއި އެކިއެކި ރޮނގުން ރަށަށް ދިގުމުއްދަތަކަށް އަގުހުރި މަސައްކަތްތައް ކޮށްދެއްވި ބޭފުޅުންނާއި އަސްރިއްޔާ ޕްރީސްކޫލްގެ މުސްކުޅިދަރިވަރުން ބައިވެރިވެފައި ވެއެވެ.

ޖަލްސާގައި ޝަރަފްވެރި މެހްމާން ވާހަކަދައްކަވަމުން ވިދާޅުވީ، ތައުލީމުގެ ފުރަތަމަބިންގަލުގައި ތުއްތުކުދީންނަށް އުނގަންނައިދޭންވީ އެކުދީންގެ ސިކުނޑިތައް ހުޅުވޭނޭގޮތަށް ކަމަށާއި ކިޔަވައިދޭއިރު އެކުދީންނަށް އެއްޗެއް ވިސްނޭނެ ގޮތަށް ކިޔަވައި ދިނުން ވަރަށް މުހިންމުކަމަށެވެ. މީގެ އިތުރުން އަލީ ޚާލިދު ވިދާޅުވީ އަސްރިއްޔާ ޕްރީސްކޫލްގެ ބާނީ އަލްމަރުހޫމް މުޙައްމަދު ނަޖީބް ފަދަ އަމިއްލައެދުން ކުޑަ، ތަޤްވާވެރި ދީންވެރި ބޭފުޅަކު އިސްނަގައިގެން ތައުލީމީ ދަރީންތަކެއް މުޖްތަމަޢަށް ނެރުމަށް ކުރައްވަން ފައްޓަވާފައިވާ މަސައްކަތަކީ ބަލައިގަނެވޭ ނުހަނު އަގުހުރި މަސައްކަތެއްކަމަށެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ނަޖީބް ވިދާޅުވީ،26 ޖޫން 1969 ވަނައަހަރުންފެށިގެން އަސްރިއްޔާގެ ހިޔާވަހިކަމުގެ ދަށުން މީދޫގެ ދަރިންނަށް ތަޢުލީމު ފޯރުކޮށްދޭތާ 50 އަހަރުގެ ރަންޔޫބިލް ފާހަގަ ކުރަމުން މިދަނީ ގިނަ ގޮންޖެހުންތަކަކާއި، ދަތިތަކާ ދިމާވެ އެތައްހުރަސްތަކެއްގެ ތެރެއިން އާމްދަނީއެއް ނުލިބޭ މަސައްކަތެއްގެ ގޮތުގައި މެދު ކެނޑުމެއްނެތިކަމަށެވެ. މަކްތަބުލް އަސްރިއްޔާގެ ނަމުގައި ހިންގަންފެށި މަކްތަބުން ރޯކުރި ތަޢުލީމީ ދަންމަރުގެ އަލި މި 50 އަހަރުތެރޭގައި މީދުއަށް އުފަންވި ގިނަބަޔަކަށްލިބި މިއަދުވެސް މި ޚިދުމަތް ކުރިއަށްދާކަމީ މީދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން ކޮންމެ މީހަކު ފަޚުރުވެރިވާނެ ޚިދުމަތެއް ކަމަށް އަބްދުﷲ ނަޖީބް ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުﷲ ނަޖީބް ވިދާޅުވީ އަސްރިއްޔާއިން ލިބިގަންނަ ޚިދުމަތަކީ ކޮންމެމީހަކު ފަޚުރުވެރިވާނެ ޚިދުމަތެއްކަން އެނގޭ އެއް ހެއްކަކީ ދީނީ އިލްމު ފެތުރުމަށް އަސްރިއްޔާގެ ބާނީ މަރްޙޫމް މުޙައްމަދު ނަޖީބް ކުރެއްވި މިންނެތް މަސައްކަތްޕުޅުން ދީނަށް ލޯބިކުރާ ޖީލެއް ބިނާކުރެވިފައިވާ ކަމަށް މިޖީލަށް ބަލާލުމުންވެސް ޔަގީންކުރެވޭކަމަށެވެ. “ދަރިއެއްގެ ހައިސިއްޔަތުން ބައްޕަގެ ވާހަކަ ދެއްކުމަކީ ތަފާތު ގޮތަކަށް ބައެއްބޭފުޅުންނަށް ވިސްނިދާނެކަމެއް، އެހެން ނަމަވެސް މިވާހަކަ ދައްކަނީ ފަޚުރުވެރި ވުމުގެ ގޮތުންނެއް ނޫން. ޚިދުމަތެއްގެ އަގުވަޒަން ކުރުމަށާއި، އެ ޚިދުމަތުން ހިތްވަރު ލިބިގަތުމަށް އަދި ތާރީޚަށްޓަކައި މަޢުލޫމާތު ފޯރުކޮށް ދިނުމުގެ ގޮތުން. މަރްހޫމް މުހައްމަދު ނަޖީބު އެބޭފުޅާގެ މުޅިހަޔާތް ތަޢުލީމު ފޯރުކޮށް ދިނުމުގައި އަގެއް އުޖޫރައެއްނެތި އުޅުއްވީ ތައުލީމަށް އޮތްލޯބި ހާމަވާކަމެއް،އަދި ތަޢުލީމު ހާސިލް ކުރުމަށް މާލޭގައި އުޅެފައި ޗުއްޓީއަށް އަންނަ ކުދީންނާ ބައްދަލުކޮށް ހިތްވަރުދެއްވާ، ހަދިޔާދެއްވުމަކީވެސް މިކަމުގެ އިތުރު ހެއްކެއް” އަބްދުއްﷲ ނަޖީބް ވިދާޅިވިއެވެ. ނަޖީބް އިތުރަށް ފާހަގަ ކުރެއްވީ އަސްރިއްޔާގެ ބާނީ މަރްހޫމް މުހައްމަދު ނަޖީބްގެ ޚިދުމަތުގެ އަގުވަޒަންކޮށް ތަޢުލީމަށް ޚިދުމަތް ކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމް 2007 ވަނަ އަހަރު ސަރުކާރުން ދެއްވާފައި ވާކަން މި ފުރުސަތުގައި ފާހަގަ ކުރައްވާކަމަށެވެ.

ވާހަކަ ނިންމަވާލައްވަމުން ޕްރިންސިޕަލް ވިދާޅުވީ އަސްރިއްޔާ އަކީ މީދޫ ރައްޔިތުން ބަލައިގަންނަ ސްކޫލެއް ކަމަށް ހާމަވާ ކަންތައްތަކަށް ބަލާއިލާ އިރު ސްކޫލްގެ ތަޢުލީމް ހިލޭ ފޯރުކޮށްދެއްވަމުން ގެންދަވާ އިރުވެސް އެކަށީގެންވާ އަދައެއްގެ ދަރިވަރުން ތިބުމަކީ މިކުރާ މަސައްކަތް ބަލައިގަންނަ ކަން ހާމަވާ ހެއްކެއްކަމަށެވެ. އެހެން ނަމަވެސް މިޚިދުމަތް ދެމެހެއްޓުމަށް ސަރުކާރުގެ އިތުރުން އާންމު ރައްޔިތުން، ރަށު ކައުންސިލް އަދި އިތުރު ފަރުދުންގެ އެހީ ނިހާޔަތަށް ބޭނުން ވާކަމަށް ނަޖީބް ވިދާޅުވިއެވެ. ޖަލްސާގެ ޝަރަފްވެރި މެހެމާން، ޝަރަފުވެރިން، އަސްރިއްޔާގެ މުސްކުޅިދަރިވަރުން، އަސްރިއްޔާގައި މިވަގުތު ކިޔަވަމުން އަންނަ ދަރިވަރުން ނާއި ބެލެނިވެރިން ޖަލްސާގައި ބައިވެރި ވެވަޑައިގަތުމުން ނަޖީބް ޝުކުރު އަދާކުރެވިއެވެ.

މިއަހަރުގެ އަހަރީ ދުވަހުގެ ކޭކު ފެޅުމަށް ބައިވެރިވެފައިވަނީ ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން ބައެއް ޝަރަފްވެރި މެހެމާނުންނެވެ. އަދި ދުވަހުގެ ޚާއްސަ ލަވައެއްވެސް ހުށަހެޅުނެވެ. ލަވަ ހުށަހަޅައިދިނީ ސްކޫލްގެ ދެ ޓީޗަރުންގެ އިތުރުން އަސްރިއްޔާގެ މުސްކުޅިދަރިވަރެކެވެ.

މިޖަލްސާގައި ޚާއްސަ ދުޢާއެއްކުރުންވެސް އޮތެވެ. ދުޢާ ލައިދެއްވީ އަލްމަރްހޫމް މުޙައްމަދު ނަޖީބްގެ ދޮށީފިރިހެން ދަރިފުޅު، އަޙަމްދު ނަޖީބެވެ.

މަކްތަބުލް އަސްރިއްޔާގެ ނަމުގައި 26 ޖޫން 1969 ހުޅުވުނު މަދަރުސާ މިހާރު ހިންގަމުންދަނީ 26 ޖޫން 2013 ވަނައަހަރު ހުޅުވި އާއިމާރާތުގައި އަސްރިއްޔާޕްރީ ސްކޫލްގެ ނަމުގައެވެ. މި ސްކޫލްގައި ބޭބީ ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ ގައި ދަރިވަރުން ކިޔަވަމުން ދެއެވެ. މި ތިން ކްލާހުގެ އިތުރުން މި ސްކޫލްގައި ޤުރުއާން ކްލާހެއް ދަރިވަރުންނަށް ނަގައިދެއެވެ.