English Edition
Dhivehi Edition
ފޮޓޯ: ވަގުތު

އިނގިރޭސީން އަޑީގައި ތިބެގެން ރާއްޖޭގެ ދެކުނުގައި ބަޣާވާތް ކޮށް އުފެއްދި ދައުލަތުގައި އިސްކޮށް ހުންނެވި، އަބްދުﷲ އަފީފް ދެއްވި އިންޓަވިއުއެއްގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި ފޮތް ރަސްމީކޮށް ނެރެފިއެވެ.

ނޭޝަނަލް އާޓް ގެލެރީގައި ރޭ ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި މި ފޮތް ނެރެދެއްވީ ސީނާ ޒާހިރު ގެ ދެ ކާފަ ދަރިކަބަލުންނެވެ.

1980 ގެ އަހަރުތަކުގެ ތެރޭގައި ޒާހިރު ނެރުއްވި ހަފުތާ މަޖައްލާ ” ހަފުތާ ހަބަރު” ގައި ސީރީސްއެއްގެ ގޮތުގައި ގެނެސްދިން ރިޕޯޓްތަކެއް ގެ މައްޗަށް ބިނާކޮށް ލިޔުނު މި ފޮތުގައި ދެކުނުގައި ވަކި ދައުލަތެއް ހެއްދެވީ ކީއްވެގެންކަން އަފީފުގެ ދުލުން ވިދާޅުވި ގޮތަށް ގެނެސްފައިވާނެ ކަމަށް ޒާހިރު ވިދާޅުވެއެވެ.

އޭނާ ވިދާޅުވީ އެ ފޮތަކީ ސުވަދީބުގެ އިސް ލީޑަރު އަބްދުﷲ އަފީފް ދީދީ ދެއްވި އިންޓަވިއުތަކަށް ބިނާކޮށް ލިޔެފައިވާ ފޮތެއް ކަމަށެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މި ފޮތް ލިޔުއްވި ސީނާ ޒާހިރު ވިދާޅުވީ މީގެ 25 އަހަރު ކުރިން އަވަހާރަވި އަފީފުގެ އިންޓަވިއު ނެންގެވީ، ޓޫރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ހުންނެވިއިރު ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން ކަމަށެވެ

އެ ފޮތުގައި ސުވާދީބުގެ ހާދިސާ މުޅިންވެސް ގެނެސްދީފައިވަނީ އަފީފްގެ “ސައިޑުން” ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ. ޒާހިރު ވަނީ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ސީޝެލްސް އަށް ވަޑައިގެން އަފީފްއާ ސީދާ ބައްދަލުކުރައްވައި ސުވަދީބްގެ ހާދިސާގެ މައުލޫމާތު ހޯއްދަވައިފައެވެ.

” އަޅުގަނޑަކީ ނޫސްވެރިއެއްގެ ގޮތުން ވެސް އަފީފުގެ އިންޓަވިއު ނެންގެއްވި ހަމަ އެކަނި ފަރާތް އެ އިންޓަވިއު ހަ ގަޑިއިރަށް ދިގުދެމިގެން ދިޔަ ” ސީނާ ޒާހިރު ވިދާޅުވިއެވެ.

އޭރުގެ ފޮޓޯތަކާ އެކު ޗާޕްކޮށްފައިވާ ފޮތުގައި 175 ސޮފްހާ ހިމެނޭ މިފޮތް މިރޭ ނެޝަނަލް އާޓް ގެލަރީގައި ނެރުނު އިރު މާދަމާއިން ފެށިގެން އަޝްރަފީ ބުކްޝޮޕުން މި ފޮތް ލިބެން ހުންނާނެވެ. މިފޮތުގެ އަގަކީ 150 ރުފިޔާ އެވެ..