އިއްޔެ ހަވީރު އައްޑޫ ސިޓީ މީދޫ ގަނޑޮވަރި ފަންނު ޕާކު ރަސްމީކޮށް ހުޅުވާފިއެވެ. މީދޫ ނަލަފެހި ޖަމިއްޔާއިން އިސްނަގައިގެން ގިނަ ބައެއްގެ އެހީތެރިކަމާއެކު ހެދި މި ޕާކު ހުޅުވައިދެއްވީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ މެނޭޖިން ޑިރެކްޓަރ އަލްވިން ޑްރިގޯއެވެ. މި ހަފްލާގައި ވާހަކަދައްކަމުން މި މަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތް ކުރި ފަރާތުން ބުނެފައިވަނީ މީ ވަކި ހިސާބެއްގަ އޮތް ވަކި ބަޔަކަށް ނިސްބަތްވާ ޕާކެއް ނޫންކަމުގައެވެ. “މިހާރުވެސް ރަށުގެ އެހެން ސަރަހައްދުތަކުގައި ޕާކު ހެދުމުގެ މަސައްކަތް ކުރުމަށް ރާވަމުން މި ގެންދަނީ” މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަހްމަދު ކާމިލު(ގާރީ) ވަނީ ބުނެފައެވެ.މީގެ އިތުރުން މީދޫއަކީ ސާފުތާހިރު ރަށަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރަށުގެ އެކި ހިސާބުތަކަށް ކުނި އަޅާ މީހުން ބަލާ އެ ފަރާތްތަކާ ދެތެރޭ އެކަށީގެން ފިޔަވަޅު ގާނޫނީ އިމުގެ ތެރެއިން އަޅާނެ ކަމަށް ގާރީވަނީ ބުނެފައެވެ. މި ހަފްލާގައި ވާހަކަދައްކަމުން ވާފިރު ވަނީ ރަށުގެ ތަރައްޤީއަށްޓަކައި އެންމެންވެސް އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ގޮވާލާފައެވެ.މީދޫގައި ހިންގާ އިޖްތިމާއީ ހަރަކާތްތަކާއި، މީދޫގެ ތަރައްޤީއަށް ޝަންގްރިއްލާ ރިސޯޓުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ނަލަފެހި ޓީމުން ވަނީ އެ ފަރާތަށް ޝުކުރު ދަންނަވާފައެވެ. ނަލަފެހި ޓީމަކީ މީދޫގެ އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ޓީމެކެވެ. ނަލަފެހި ޓީމުން އިސްނަގައިގެން މިހާރުވެސް މީދޫގައި ހިތްފަސޭހަ މައިޒާންތައް ހަދާފައިވާއިރު މީދޫ ބަނދަރު ސަރަހައްދު ޒީނަތްތެރިކުރުމަށްޓަކައި މާ ގަސްތައް ވަނީ އިންދާފައެވެ. އަދި ރަށަކީ ފެހި ރަށަކަށް ހެދުމަށްޓަކައި އެކި ދުވަސްތަކަށް ބަހާލައިގެން ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.