English Edition
Dhivehi Edition

ދިގު އިންތިޒާރަކަށްފަހު ރަސްރަނި ބަގީޗާގައި ހެދި “ވިންޓާ ތީމް ޕާކް” މިރޭ ހުޅުވައިފިއެވެ

ވިންޓާ ތީމް ޕާކްގައި މިރޭ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގަައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން “ރަސްރަނި ވިންޓަރ ޕާކް” ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިރޭ ރަސްރަނި ބަގީޗާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

“ރަސްރަނި ވިންޓަރ ޕާކް” ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ވަނީ މިޕާކް ބައްލަވާލައްވާފައެވެ. މިރަސްމިއްޔާތުގައި ވިންޓަރ ޕާކް ތެރޭގައި އައިސް ސްކޭޓިންގއާއި، ސްނޯގެ އެކިއެކި ޙަރަކާތްތައް ދައްކާލާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ އެ ތީމް ޕާކް ހެދުމަށް ބޭރުގެ ގިނަ ފަރާތްތަކެއްގެ ފަންނީ އެހީ ހޯދި ކަމަށެވެ. އަދި އެތީމް ޕާކަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަނގަ ކޮށްލެވޭ ތަނަކަށް ހެދުމަށް މަސައްކަތް ކުރެވިފައިވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ތީމް ހަދާފައިވަނީ ރާއްޖެ ކަހަލަ ހޫނު ގައުމަކަށް އެންމެ އެކަށޭނެ ގޮތަށް ކަމަށެވެ. އެގޮތުން އެތަނުގެ ފިނިހޫނުމިން ހިފެހެއްޓުމަށް އެލުމިނިއަލް ކްލެޑިންއެއް ބޭނުންކޮށްގެން އަށް އިންޗިއަށް ވުރެ ބޮޑު ފާރެެއް ގިނަ ފަށަލަތަކެއް ހިިމަނައިގެން ލާފައިވާ ކަމަަށް މުއިއްޒު ވިދާޅުވިއެވެ.

ރަސްރަނި ވިންޓަރ ތީމް ޕާކަކީ އާޓިފިޝަލް ސްނޯ އުފައްދާ މެޝިންތަކާއެކު، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ފިނި މޫސުމުގެ ތަޖުރިބާ ދިވެހިންނަށްވެސް ކޮށްލުމުގެ ފުރުޞަތު ލިބޭނޭހެން ތައްޔާރުކުކޮށްފައިވާ ޕާކެކެވެ.

ރަސްރަނި ވިންޓަރ ޕާކަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ވިންޓަރ ތީމްއަކަށް ހަދާފައިވާ މިފަދަ ފުރަތަމަ ޕާކެވެ. މި ޕާކު ފަރުމާ ކޮށްފައިވަނީގައި އޮލިމްޕިކް ފެންވަރުގެ އައިސް ސްކޭޓްކުރާ ރިންކަކާއި، ސްނޯ ސްލައިޑްއެއް ހިމެނޭ ގޮތަށެވެ. މިޕާކް ފަރުމާ ކުރުމުގައި ޔޫރަޕްގެ ތަޖުރިބާކާރުން ޝާމިލްކޮށްފައި ވާކަމަށް ރައީސް އޮފީހުން ބުނެއެވެ.