މަކީޓާ 10 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތް އައްޑޫސިޓީ ހިތަދޫގައި މިއަދު ހެނދުނު ފަށައިފިއެވެ. މި މުބާރާތުގެ ހެނދުނުގެ ދަންފަޅި ކުރިއަށް ދިޔައީ ހެނދުނު 7:30 އިން 10:30 އަށެވެ. ހަވީރުގެ ދަންފަޅި ކުރިއަށްދިޔައީ ހަވީރު 4:00 އިން 5:30 އަށެވެ. މިމުބާރާތުގައި އެސޯސިއޭޝަންގެ މެންބަރ 6 ކުލަބަކާއި، 20 ސްކޫލަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިން ބާއްވަން ހަމަޖެއްސީ މިދިޔަ މާރިޗުމަހުގެ 20 އިން 23 އަށެވެ. އެހެންނަމަވެސް އެދުވަސްވަރު ރާއްޖެއަށް ދިމާވި ސްވައިންފުލޫ ރޯގާގެ ސަބަބުން މުބާރާތްވަނީ މިއަދަ ފަސްކޮށްފައެވެ. މި މުބާރާތުގައި ރާއްޖޭގެ ވަރަށްގިނަ އަތޮޅުތަކުގެ ސްކޫލްތަކުންވަނީ ޓީމްތައް ބައިވެރި ކޮށްފައެވެ. އޭގެ ތެރޭގައި ހދ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލަކު ސިޓީއާއި، އައްޑޫސިޓީގެ ސްކޫލްތައް ހިމެނެއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ 6 އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އެއީ 13 އަހަރުންދަށުގެ އުމުރުފުރައާއި، 16 އަހަރުން ދަށުގެ އުމުރު ފުރައާއި، 19 އަހަރުންދަށުގެ އުމުރުފުރައެވެ. މިއިން ކޮންމެ އުމުރު ފުރާއަކުން އަންހެން ފިރިހެން ޓީމްތައް ބައިވެރި ކޮށްފައިވެއެވެ. މުބާރާތުގެ ޗެމްޕިއަންޓީމަށް ވަނީ 7000 ރުފިޔާ ހުށަހަޅައިފައެވެ. ރަނަރަރަޕް ޓީމަށް 5000 ރުފިޔާވަނީ ހުށަހަޅައިފައެވެ. ތިންނަވަ ޓީމަށް ހުށަހަޅާފައިވަނީ 3000 ރުފިޔާއެވެ. މި މުބާރާތުގައި މިދިޔަ އަހަރުގެ ފިރިހެން ޗެމްޕިއަންޓީމަކީ އެމް އެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީއެވެ. އަދި އަންހެން ޗެމްޕިއަންޓީމަކީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ. އަންހެން އެންމެ މޮޅު އެތުލީޓަކީ ކްލަބް އީގަލްސްގެ ޢާއިޝަތު ޒާރާ އާތިފެވެ. ފިރިހެން އެންމެ މޮޅު އެތުލީޓަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު ޝަޒީން ޖިހާދެވެ.