ރާއްޖޭގައި ރައީސްކަން ކޮށްފައިވާ ބޭފުޅުންނަކީ، ގައުމަށް ހެވާ ލާބަ އެދި ގައުމަށް ހެޔޮ ވިސްނުމާއި މަގުދައްކައިދޭން ތިބެންޖެހޭ ބައެއް ކަމަށާއި އެހެން ނަމަވެސް އެބޭފުޅުން ސިޔާސީ އެކްޓިވިސްޓުންނެކޭ އެއްފަދައިން އުޅުއްވާތީ ހިތާމަކުރައްވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ. ރޭ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަމަވުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ރައީސުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަމަކީ، ގައުމު ހަލަބޮލި ކުރުމަށްދޭ ހިމާޔަތާއި ރައްކާތެރިކަމެއް ނޫން ކަމަށެވެ. ” ނަމަވެސް މިއަދު ފެނިގެންދަނީ، މައުމޫނުވެސް ނަޝީދުގެ ފަހަތްޕުޅުގައި އެހެން ބޭފުޅުންނެކޭ އެއްފަދައިން ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިވަޑައިގެންފައިވާ މަންޒަރު. އަދި މައުމޫން ކުރައްވަމުން ގެންދަވަނީ އެއްގޮތަކަށްވެސް ގައުމަށް ފައިދާ ހުރި ކަމެއް ނޫން ” އަޒްލީން ވިދާޅުވި އެވެ. އަޒްލީން ވިދާޅުވީ، އިއްޔެ ހިނގައިދިޔަ ކަންތައްތަކުގައި ފުލުހުންގެ ސަފުތައް ފަޅާލަައި ބެރިކޭޑް ފަޅާލި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެއީ މަޖިލިސް މެމްބަރުން ކަމުގައިވީނަމަވެސް ގާނޫނާ އެއްގޮތަށް އެ މެމްބަރަކާ މެދުވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.