English Edition
Dhivehi Edition

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލުމުވެރިޔާ ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ހަނދާނުގައި ބާއްވާ ތަޢުބީނުގެ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޑރ މަޖީދުގެ ތައުބީނުގެ ޖަލްސާ އިންތިޒާމްކޮށްފައި ވަނީ އެމަނިކުފާނަށް ހެޔޮއެދޭ ފަރާތްތަކުންނެވެ. އަދާލަތު ޕާޓީއިން ވިދާޅުވީ، މިޖަލްސާގައި އެމަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ވަޑައިގެން ދެއްވުމަށް ޕާޓީގެ ފަރާތުންވެސް އެދޭކަމަށެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުރިހާ ބޭފުޅުންނަށްވެސް ހުޅުވާލެވިފައި ވާކަމަށްވެސް އަދާލަތުން ބުނެފައިވެއެވެ.

މިރޭ އިސްލާމީ މަރުކަޒުގައި ބާއްވާ ޖަލްސާގައި ޑރ އަބްދުލްމަޖީދު ޢަބްދުލް ބާރީއަށް ހެޔޮދުޢާ ކުރުމުގެ އިތުރުން ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.

ހުލްގުހެޔޮ، މަޑުމައިތިރި، އަހްލާގު ރަނގަޅު އަދި ހަމައާއި އިންސާފަށް އަބަދުވެސް ވާހަކަދައްކަވަމުން ގެންދެވި ޑރ. މަޖީދު މުރުފުޅުން 55 އަހަރުގައި އަވަހާރަވި އިރު މަޖީދަކީ ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެން އުފައްދާފައިވާ އަދާލަތު ޕާޓީގެ އެއް ބާނީ އެވެ. ތަފްސީރު އިލްމުން ރާއްޖޭގައި ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅަކީ ވެސް ޑރ. މަޖީދެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި ދީނީ ޢިލުމާއި ހޭލުންތެރިކަން ފެތުރުއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޑރ އަބްދުލްމަޖީދު ޢަބްދުލްބާރީ ކުއްލި އާލާސްކަންފުޅަކާއި ގުޅިގެން ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވީ ހުސްވި މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

ޑރ މަޖީދު ވަނީ އިސްލާމިކް މިނިސްޓަރުގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަމާއި ގައުމީ ޔުނިވަސިޓީއާއި ބައެއް ކޮލެޖުތަކުގައި ލެކްޗަރާއެއްގެ މަގާމުވެސް ފުރުއްވާފަ އެވެ.