ބުއްދި ރަައްކާތެރި ކުރެއްވުމުގެ ގޮތުން މާތްވެގެންވާ އިސްލާމްދީންގައި ބުއްދި ފިލައިގެން ދާ ސަބަބެއްކަމުގައިވާ ރަލާއި މަސްތުވާތަކެތިވަނީ ހަރާމްކުރައްވާފައެވެ.
މަސްތުވާ ދިޔާ އެއްޗެއްސާއި ހިކި އެއްޗެއްސަކީ އިންސާނާގެ ބުއްދި ފިލައި ގޮސް މީހާއަށް ވާނުވާ ނޭގޭ ހިސާބަށް މީހާ ވާސިލްކުރުވާ އެންމެ އާންމު އަދި އެންމެ ނުބައި ވަބާއެވެ.މަސްތުވާތަކެތީގެ ބައެއް ބާވަތްތަކަކީ، ޠަބީޢީ ނުވަތަ ޤުދުރަތީގޮތުން އުފެދިފައި ހުންނަ ތަކެއްޗެވެ. އަނެއްބައި ތަކެއްޗަކީ، ޞިނާޢީ އެއްޗެއްސެވެ. އޭގެ ތެރޭގައި، މީހާ ހިމޭންކުރުވާ ބާވަތްތަކާއި، ބާރުގަދަކުރުވާ ބާވަތްތަކާއި، ޙަޤީޤަތެއްނެތް ހުވަފެންތައް ދައްކުވައިދޭ ބާވަތްތަކާއި، އޭގެ ވަސްބަލައިގެން ތާސީރު ހޯދޭ ބާވަތްތައް ހިމެނެއެވެ.
މަސްތުވާތަކެއްޗަކީ މީހާ ހުރިހާ ނުބައި ދިމާލަކަށް ވާސިލްވުމަށް ހުޅުވާލެވޭ ދޮރެކެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ ސަބަބުން ގެއްލުން ލިބެމުންދަނީކީ ހަމައެކަނި އެކަމުގެ ބޭނުންކުރާ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ދީނީ ގޮތުން ބޮޑު ފާފައެއް ކޮށް، ހެއްދެވި ފަރާތަށް ނުކިޔަމަންތެރި ވުމުގެ އިތުރުން، މިކަމުގެ ގެއްލުންތައް، އެމީހުން އުޅޭ މުޖްތަމަޢުތަކާށާއި، ޤައުމުތަކަށްވެސްދަނީ ލިބެމުންނެވެ. މި ވަބާގެ ސަބަބުން މީހާގެ ބުއްދި ފިލައި މުޖްތަމައުގައި ފިތުނަ ފަސާދައާއި ހަމަނުޖެހުން އުފެދުމަށް މަގުފަހިވެގެންދެއެވެ. ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އެކުވެރިކަން ގެއްލި، އާއިލާތައް ރޫޅި އެތެކެއް ދަރިންނެއް ބިކަވެގެން ދެއެވެ. މުޖްތަމަޢުގެ އަމާންކަން ގެއްލި ރީތި އަހްލާގްގެ ފޭރާން ރޫޅިގެންދެއެވެ.
މަސްތުވާތަކެތީގެ ސަބަބުން މީހާގެ ހަމަ ބުއްދި ފިލައިގެން ދިޔުމުގެ އިތުރުން ދުނިޔޭގެ އިޤްތިސާދަށްވެސް ދަނީ ހީނުކުރާހާ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.އެގޮތުން، މަސްތުވާތަކެތީގެ ބޭނުންކުރުމުގެ ޙާލަތްތަކާއި ގުޅުން ހުރި ކަންކަމުގައި، ދުނިޔޭގެ ޤައުމުތަކަށް އަހަރަކު، 120 ބިލިއަން ޑޮލަރު ގެއްލުންވެއެވެ. މި ” ރޯގާ” އާއި ހެދި ޤައުމުތަކުގެ އިޤްދިޞާދަށް ލިބޭ ހީނަރުކަމުގެ ތެރޭގައި، އުފެއްދުންތެރިކަން ދަށަށްދިއުމާއި، މަސައްކަތުގެ ވަގުތުތައް ބޭކާރުގޮތުގައި ނަގާލެވުން ހިމެނެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، އޭގެ ބޭނުންކުރާ ފަރާތްތަކުގެ ސަބަބުން، ”މަސައްކަތްތެރި އަތްތައް” ވެސް ދަނީ މަދުވަމުންނެވެ. މިކަމަށް އަޅުވެތި ވެފައިތިބޭ މީހުން ކުރާ ޢަމަލުތަކުގެ ޝިކާރައަކަށް، އެކަމާއި އެއްވެސް ގުޅުމެއްނެތް، އެތައް ބައެއްވަމުންދާކަމީވެސް ހިތާމަހުރިކަމެކެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މީހާއަށް ލިބޭ ގެއްލުންތައް، އޭނާގެ ހަށިގަނޑާއި، ނަފްސާއި، ސިކުނޑިއާއި، ސުލޫކާއި، ވަށައިގެންވާ ވެއްޓާއި އޭނާއާއި ދެމެދު އޮންނަ ގުޅުންތަކަށް ފޯރައެވެ. މިގެއްލުންތަކުގެ ކުޑަބޮޑޮމިން، ބޭނުން ކުރާ މާއްދާއެއްގެ ޠަބީޢަތުން ތަފާތުވެދާނެއެވެ. ނަމަވެސް، މަސްތުވާތަކެތީގެ ކޮންމެ ބާވަތަކީވެސް، އޭގެ ސަބަބުން، ހީވެސް ނުކުރާފަދަ، ދެރަ، ހިތާމަވެރި ޙާލަތަކަށް ، އިންސާނާ ހުށަހަޅާ މާއްދާތަކެކެވެ. މަސްތުވާތަކެތީގެ ސަބަބުން ގައިގެ ވަރުދެރަވުން، ކަންނެއްވުން، މަސްއޫލިއްޔަތެއްނެތްކަން އިޙްސާސްކުރެވުން ނުވަތަ މަސްއޫލިއްޔަތު އަދާނުކުރެވުން، ޝަޚްޞިއްޔަތު ބީވުން، ކަންކަން ދެނެގަތުމުގެ ބާރު ގެއްލުން ނުވަތަ ދަށްވުން، ނަފްސާނީގޮތުން ބަލިކަށިވުން، ބިރުގަނެ އެކަނިވެރިވުން، ސާފުތާހިރުކަން ގެއްލުން، އެއިޑްސްބަލިފަދަ ނުރައްކާތެރި ބަލިތައްޖެހުމަށް މަގުފަހިވުން، ޢާއިލީ ގުޅުމާއި، އިޖްތިމާޢީ ގުޅުންތައް ކެނޑި، ތިމާގެ ފުށުން އެމީހުންނަށް ލިބިދޭންޖެހޭ އެހީތައް ފޯރުކޮށްނުދެވުން، ވައްކަމާއި، ލޫޓުވުމާއި، އަދި މިނޫންވެސް، ގޯސް ހަޑިމުޑުދާރު ކަންކަމުގެ ތެރެއަށް މީހާ ގެނބިގެން ދިއެވެ.
އިސްލާމްދީން ގައި، މަސްތުވާތަކެއްޗާއި އަދި މިނޫންވެސް ހުރިހާ ނުބައި ސާމާނެއްގެ އަސްލަކީ ބަނގުރާއެވެ. ބަނގުރާއަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ އެއްޗެކެވެ. ރަސޫލާ ޙަދީޘްކުރައްވާފައިވާގޮތުގައި، ބަނގުރާއަކީ ހުރިހާ ނުބައިކަމެއްގެ މަންމައެވެ. ބައެއް މީހުން ދެކޭގޮތުގައި، މަސްތުވާތަކެއްޗަކީ ބަނގުރާއެކޭ އެއްފަދައިން ޙަރާމް އެއްޗެއް ނޫނެވެ.ނަމަވެސް، މިއީ ކުށްހީއެއްކަން، ރަސޫލާގެ ޙަދީޘްފުޅުން ކަނޑައެޅިގެން އެނގެން އެބައޮތެވެ. އެކަލޭގެ ފާނުގެ ޙަދީޘް ބަސްފުޅުގެ މާނައިގައިވެއެވެ. ” މަސްތުވާ ކޮންމެ އެއްޗަކީވެސް، ބަނގުރާއެކެވެ. ކޮންމެ ބަނގުރާއަކީވެސް ޙަރާމް އެއްޗެކެވެ.” އަދިވެސް ހަދީސް ކުރައްވާފައިވެއެވެ. “ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހަކު ރާބޮއެފިކަމުގައި ވާނަމަ ސާޅީސް ދުވަސްވަންދެން އޭނާކުރާ ނަމާދު ޤަބޫލުނުކުރައްވާ ހުއްޓެވެ” ހަމަ ޔަގީނުންވެސް ނުރައްކަލަކަށް ތިމާގެ ނަފުސު އެއްލާލުމަކީ ހަމަޖެހޭ އެއްވެސް މީހަކު ކުރާނެކަމެއްނޫނެވެ. ނަމަވެސް ޙައިރާންވާންޖެހޭ ކަމަކީ، ތަޢްލީމާއި ހޭލުންތެރިކަން އިތުރުވަމުންދާ މިޒަމާނުގައި، މަސްތުވާތަކެތި ބޭނުންކުރުންފަދަ، ކަނޑައެޅިގެން ގެއްލުމާއި ހަލާކު ހުރި ކަންކަމުގައި ޝާމިލުވާމީހުން އިތުރުވަމުންދާ ދިއުމެވެ. ޤައުމުތައް ބިނާކޮށް، ތަރައްޤީގެ އެންމެ އުސް ހަރުފަތްތަކާއި ހަމައަށް ގެންގޮސްދިނުމުގެ ފުރިހަމަ ބާރާއި ޤާބިލްކަން ލިބިފައިވާ، ޒުވާނުންވެސް، މިވަބާގައި ” ފަނާވަމުންދާކަމީ ” އެންމެ ބޮޑު ހިތާމައެވެ.