އައްޑޫ ސިޓީއަށް ނިސްބަތްވާ އަންހެން އެތްލީޓަކު ފުރަތަމަ ފަހަރަށް ބައިނަލްޤްވާމީ އެތްލެޓިކްސް މުބާރާތެއްގައި ބައިވެރިވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫ އައްޑޫ ހައި ސްކޫލް ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރު އާއިޝަތު ހިމްނާ ޙަސަން އަކީ މި ފުރުޞަތު ލިބުނު ފުރަތަމަ އައްޑޫ އަންހެން އެތްލީޓެވެ. ސްރީލަންކާގެ ކޮލޮމްބޯގައި ކުރިޔަށް ގެންދިޔަ ސައުތް އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް (އެސް.އޭ.ޖޭ.އޭ.ސީ) ގައި 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ހިމްނާ ވަނީ ދުވެފައެވެ.
ހިމްނާގެ ފުރަތަމަ އިވެންޓް 200 މީޓަރު ދުވުމުގެ ހީޓުން އޭނާ ވަނީ 3 ވަނަ ނަގާފައެވެ. ޓައިމިންގ އަކީ 27:32 އެވެ. އެއަށް ފަހު ފައިނަލްގައި 8 ވަނަ އަށް ނިންމުނު ކަމުގައި ވިޔަސް ހިމްނާ ވަނީ 27:33 ގެ ޓައިމިންގ އަކުން އޭނާގެ ކުރީގެ ރެކޯޑް އާ ކޮށްފައެވެ. 400 މީޓަރު ދުވުމުގެ ހީޓް ރައުންޑް އާއި ނުލާ ސީދާ ފައިނަލް ވަނީ ބާއްވާފައެވެ. ފައިނަލް ގައި ހިމްނާ އަށް ނިންމާލެވުނީ 6 ވަނަ އަށެވެ. އެހެން ނަމަވެސް 1.01.19 ގެ ޓައިމިންގ އަކުން އަނެއްކާވެސް ހިމްނާ ވަނީ އޭނާގެ ކުރީގެ ރެކޯޑް އާ ކޮށްފައެވެ.
މި މުބާރާތުގައި ބައިވެރިވީ އެހެން އެތްލީޓުންނާއި އަޅާ ބަލާއިރު ހިމްނާ އަކީ އުމުރުން ވަރަށް ހަނގު ކުއްޖެއް ކަން ފާހަގަ ކުރެވެއެވެ . އެހެން ކަމުން ހިމްނާ އަށް ޙާޞިލް މި ކުރެވުނީ އޭނާގެ ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތެއްގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ކަށަވަރެވެ.
ހިމްނާ ވަނީ ފާއިތުވީ އަހަރު އަދި މި އަހަރުވެސް މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ބައިވެރިވެ 2 އަހަރު ވެސް މި އިވެންޓްތަކުން ރަން މެޑަލް ހޯދާފައެވެ. އަދި މީގެ އިތުރުން އުމުރުފުރާ އިން އެންމެ މޮޅު އަންހެން އެތްލީޓް އަދި މުޅި މުބާރާތުން އެއްވަނަ އަންހެން އެތްލީޓްގެ މަޤާމް ދެފަހަރުވެސް ވަނީ ޙާސިލްކޮށްފައެވެ. އައްޑޫ ސިޓީގެ ރައްޔިތުން ފަޚުރުވެރިވާނެ މިފަދަ ގިނަގުނަ ކާމިޔާބީތައް މުސްތަޤްބަލްގައި ހިމްނާއަށް ލިބުމަކީ ކޮންމެ ރައްޔިތެއްގެ ވެސް އެދުން ކަމުގައިވާނެކަން ޔަޤީނެވެ. އޭއޯ ނޫހުން ހިމްނާއަށް އައްސަރިބަހާއި ސާބަސް ދެމެވެ. އަދި އިތުރު ކާމިޔާބީއަށް އެދެމެވެ.