އިންޑިއާގެ ކެރެލާ ސްޓޭޓްގެ ވެރިރަށް ތިރުވަނަންތަ ޕޫރަމްގައި ހިންގަމުންދާ ނޫރުލް އިސްލާމް އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސް އެންޑް ރިސާޗް ފައުންޑޭޝަން (ނިމްސް) ގެ ފަރާތުން މެޑިކަލް ކޮލެޖަކާއި ރިސާޗް ސެންޓަރެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް ނިމްސް އިން ހާމަކޮށްފިައެވެ. އިންޑޯ އޭޝިއަން ނިއުސް ސާވިސް (އިއާންސް) އަށް ދެއްވި ބަސްދީގަތުމެއްގައި ނިމްސް ގްރޫޕުގެ މެނޭޖިން ޑައިރެކްޓަރު ފައިޒަލް ޚާން ވިދާޅުވީ ރާއްޖޭގެ 70 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން ހަވާލުވުމުން 50 އަހަރަށް ދެ ފަޅުރަށް ވެސް ކުއްޔަށް ދީފައިވާ ކަމަށެވެ. އެ ދެރަށް މޯގޭޖްކޮށްގެން ލޯނު ނެގުމުގެ ހައްގު ވެސް ދިވެހި ސަރުކާރުން ނިމްސް ގްރޫޕަށް ދީފައިވާ ކަމަށް ނިމްސްއިން ބުނެއެވެ. ތިރުވަނަންތަޕޫރަމްގައި ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލެއް ވެސް ހިންގަމުން އަންނަ އެ ގްރޫޕުން ބުނީ ރާއްޖޭގައި ހިންގާ މަޝްރޫއުގެ ޖުމްލަ އަގު، ދެރަށުގެ އަގު ހިމެނޭ ގޮތުން 1650 ކްރޯޑް ރުޕީސް އަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެ ގުރޫޕުގެ ފަރާތުން ރާއްޖޭގައި މެޑިކަލް އެޑިއުކޭޝަން ސެންޓަރަކާއި ޖެނެޓިކް ރިސާޗް ސެންޓަރެއް، އޭވިއޭޝަން އެކަޑަމީއަކާއި މެރިން އިންޖިނިއަރިން ކޮލެޖެއް އަދި ހޮލިސްޓިކް ޓްރީޓްމެންޓް ސެންޓަރެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް ފައިޒަލް ޚާން ވަނީ ވިދާޅުވެފައެވެ. “ރިސާޗް އަދި އެޑިއުކޭޝަން ސެންޓަރުތައް އަޅާނީ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި. ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރާނީ ހޮސްޕިޓަލް . އެތަނުގައި ހިދުމަތް ދޭން ތިބޭ މުވައްޒަަފުންގެ އަދަދު ދެގުނައަށް އިތުރުކޮށް ކެތުލެބެއް ވެސް ގާއިމް ކުރާ ގޮތަށް ވަނީ ހަމަޖެހިފައި” ޚާން ވިދާޅުވިއެވެ. “ކެތުލެބަށް ބޭނުންވާ އިކްއިޕްމެންޓާއި ބޭނުންވާ މެޑިކަލް އެހެެން އިކްއިޕްމެންޓަށް މިހާރުވެސް ވަނީ އޯޑަރުކޮށްފައި،” ޚާން ވިދާޅުވެފައި ވެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން ވެސް ގާއިމްކުރާނީ ނިމްސް އިންނެވެ.