މަތީ ތައުލީމު ޙާސިލްކުރާ ދަރިވަރުންނަށް ސަދަގާތު ފައުންޑޭޝަނުން ސްކޮލަޝިޕް ދޭން ނިންމަވައިފިއެވެ.
މަތީ ތައުލީމު ޙާސިލްކުރާ ދަރިވަރުންނަށް އެ ފަންޑުން ސްކޮލަޝިޕް ދޭން ނިންމާފައިވާކަން ހާމަކުރަމުން އިސްލާމިކް މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ، މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ސަދަގާތު ފަންޑުން 10 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުކަމުގެ އިތުރުން ދީނާއި ތައުލީމީ ދާއިރާ ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯސްތަކަށްދާނެ ޚަރަދު އިވެލުއޭޓް ކުރެވިފައިވާއިރު އެ ފަންޑުން ސްކޮލަޝިޕް ދޭން ހަމަޖައްސާފައިވާ އަދަދާ ވަރަށް އަވަހަށް އިއުލާން ކުރެވި އެ ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ ކަމަށެވެ
ޑިޕްލޮމާ އިން ފެށިގެން ޑިގްރީ ފެންވަރަށް ފަންޑުގެ ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔެވޭނެ އެވެ. އަދި ރާއްޖޭން ބޭރުން މާސްޓާޒް އަށް ކިޔަވަން ޖާގަ ދޭނެ އެވެ. އޭގެ އިތުރުން މިސްރުގައި ކިޔަވާ ދަރިވަރުންގެ ހުރުމުގެ ޚަރަދުތައް ވެސް، އެ ސްކޮލަޝިޕްގައި ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޞަދަގާތު ފަންޑުން ސްކޮލަޝިޕްގެ ކަންތައްތައް ކުރިއަށް ގެންދަނީ ފަސް ބޭފުޅުންގެ ކޮމެޓީ އަކުންނެވެ. އެ ކޮމެޓީގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އަދި ޒަކާތު ކޮމެޓީގެ ބޭފުޅެއް ހިމެނިވަޑައިގަންވަ އެވެ.
އިބްރާހިމް އަހުމަދު ވިދާޅުވީ ސްކޮލަޝިޕްގެ ފޯމުތައް ބެލުމަށް ފަހު އެ ފުރުސަތުތައް ދޭނެ މީހުން ކަނޑައަޅާނީ ވެސް އެ ކޮމެޓީން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފަންޑުން ތައުލީމާއި ސިއްހީ ދާއިރާ އަށް ޚާއްސަ ސްކޮލަޝިޕް ދެނީ އެއީ ރާއްޖެ އަށް މުހިއްމު ބޭނުންތެރި ދާއިރާތަކަށް ވާތީ އެވެ.