English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފިއެވެ.

ކެސިންޓަން ޕެލެސް އިން ބުނީ ޕްރިންސް ވިލިއަމް އާއި އެކު ކޭޓް ހޮސްޕިޓަލަށް ވަޑައިގަތީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ކޭޓް ވިހާފައިވަނީ އިއްޔެގެ ހެނދުނު 11:01 ވީއިރުގައި ކަމަށެވެ އެވެ.

ކޭޓް އަށް ލިބިވަޑައިގަންނެވި ތިންވަނަ ދަރިކަލުންނަކީ ޕްރިންސް ޖޯޖާއި ޕްރިންސަސް ޗާލޮޓަށް ފަހު ޝާހީ ރަސްކަމަށް ވަޑައިގަންނަވާނެ ބޭފުޅުންގެ ލިސްޓުގެ ފަސްވަނައިގައި ހިމެނޭނެ ޝާހީ އާއިލާގެ މެންބަރެވެ.

ވިހެއިރު ބަރުދަނުގައި 3.8 ކިލޯ ހުރި ކުއްޖާ އާއި މަންމަގެ ހާލުވެސް ރަނގަޅުކަމަށް އިނގިރޭސި ޝާހީއާއިލާގެ ފަރާތުން މައުލޫމާތު ދެއެވެ.

ކޭޓްމިޑްލަޓަން ވިހެއުމާއެކު ޕްރިންސް ވިލިއަމް ގެ ކޮއްކޯފުޅު ޕްރިންސް ހެރީ އާއި އެނަގެ ލޯބިވެރިޔާ މެގަން މާކެލް ވެސް ހޮސްޕިޓަލްއަށް ޒިޔާރަތް ކޮށް އެދެމައިންގެ ހާލު ބައްލަވާފައި ވެއެވެ.

އަދި ވިލިއަމް އާއި ކޭޓްގެ ދެބޭފުޅުން ކަމަށްވާ ޖޯޖް އާއި ޗާލޮޓް ވަނީ އެބޭފުޅުންގެ ކޮއްކޮ އަރިހަށް ހޮސްޕިޓަލަށް ވަޑައިގެންފައެވެ. ޖޯޖް އާއި ޗާލޮޓް ހޮސްޕިޓަލަށް ވަޑައިގެންނެވީ އެކުދިންގެ ބައްޕަ ވިލިއަމް އާއި އެކުއެވެ.

ވިލިއަމް އާއި ކޭޓްއަށް ލިބިވަޑައިގަންނެވި ތިންވަނަ ދަރިކަލުންނަކީ އުމުރުފުޅުން 92 އަހަރުގެ ރާނީ އެލިޒަބަތުގެ ހަވަނަ މުނި މާމަ ދަރިކަލުންނެވެ.

ކޭޓް ވިހެއުމުން ލަންޑަންގެ ހައިޑީ ޕާކްގައި 41 ބަޑީގެ ސެލިއުޓަކާ އެކު ދަރިކަލުން އުފަންވެވަޑައިގެންނެވިކަން ޝާހީ ގަނޑުވަރުން ރަސްމީކޮށް އިއުލާނު ކޮށްފައިވެ އެވެ. އަދި ލަންޑަން ޓަވަރުގައި މިކަމާ ގުޅޭ ހާއްސަ ބަޑި ޖެހުމެއް ކުރިއަށްދިޔަ އެވެ.

އުމުރުފުޅުން 36އަހަރުގެ ކޭޓް ވިހާފައިވަނީ ލަންޑަންގައި ހުންނަ އެސްޓީ މޭރީސް ހޮސްޕިޓަލްގެ ލިންޑޯ ވިންގްގަ އެވެ. އެއީ ކޭޓްގެ އަނެއް ދެ ދަރިކަލުންވެސް އުފަންވެވަޑައިގެންނެވި ހޮސްޕިޓަލެވެ.