English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ހޮސްޕިޓަލުގައި މިއަދު ފަތިހު އެޑްމިޓް ކޮށްފި އެވެ.

އުމުރުފުޅުން 36 އަހަރުގެ ކޭޓް އެޑްމިޓް ކޮށްފައިވަނީކޭޓްގެ އަނެއް ދެދަރިކަލުންވެސް އުފަންވެ ވަޑައިގެންނެވި، ލަންޑަންގައި ހުންނަ އެސްޓީ މޭރީސް ހޮސްޕިޓަލްގެ ލިންޑޯ ވިންގްގަ އެވެ.

ކޭޓް އާއި ވިލިއަމްއަށް ލިބިވަޑައިގަންނަވާ ތިންވަނަ ދަރިކަލުން ވިހެއުމަށް ކޭޓް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަން ކަށަވަރުކޮށްދީފައިވަނީ އިނގިރޭސި ޝާހީ ގަނޑުވަރު ކެސިންޓަން ޕެލެސްގެ ފަރާތުން ވާހަކަދެއްކި ބޭފުޅެކެވެ.

ކޭޓް އަށް ލިބިވަޑައިގަންނަވާ ތިންވަނަ ދަރިކަލުންނަކީ ޕްރިންސް ޖޯޖާއި ޕްރިންސަސް ޗާލޮޓަށް ފަހު ޝާހީ ރަސްކަމަށް ވަޑައިގަންނަވާނެ ބޭފުޅުންގެ ލިސްޓުގެ ފަސްވަނައިގައި ހިމެނޭނެ ޝާހީ އާއިލާގެ މެންބަރެވެ.


ކޭޓް އާއި ވިލިއަމްގެ އެންމެ ދޮށީ ދަރިކަލުން ޖޯޖްއަށް ހަތަރު އަހަރު ފުރިފައިވާއިރު އަންހެން ދަރިކަނބަލުން ޗާލޮޓްގެ އުމުރުފުޅަކީ ދެ އަހަރެވެ.

ކޭޓް މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު މިއަދުގެ ވަގުތެއްގައި ކޭޓް ވިހާނެ ކަމަށް ބެލެވެ އެވެ.