English Edition
Dhivehi Edition

އީކުއޭޓާރ ވިލެޖުން “އާތު ޑޭ ” ފާހަގަ ކުރުމުގެ ގޮތުން އެރިސޯޓުގެ ވަށައިގެން ބޮޑު ސަރަޙައްދެއް ސާފުކޮށްފިއެވެ

މިއަދު ހަވީރު 16:00 -17:00 އަށް ބޭއްވުނު މިސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނީ އެރިސޯޓުގެ މުވައްޒަފުންނާއި ބައިވެރިވާން ބޭނުންވި ބައެއް ފަތުރުވެރިން ހިމެނޭގޮތަށް ޓީމުތަކުގެ މެދުގައި ވަރަށް ވާދަވެރި ކަމާއެކުގައެވެ .

އެއްގަޑި އިރުތެރޭގައި އެންމެ ގިނަ ކުނި އެއްކުރާ ޓީމަކަށް ބޮޑު އިނާމެއް ލިބޭ ގޮތަށް ކުރިއަށް ގެންދެވުނު މި ސާފުކުރުމުގައި ޓީމުތަކުން ވަނީ ގިނަ ޢަދަދެއްގެ ކުނި އެއްކޮށް ކަޅު ކޮތަޅުތަކަށް އަޅައި އެކުނިތައް ނައްތާލާފައެވެ

އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން އީކުއޭޓާރ ވިލެޖުގެ މެނޭޖަރ މުޙައްމަދު ވަޙީދު ވިދާޅުވި ގޮތުގައި މިއަދު އެ ރިސޯޓުގައި ބޭއްވުނު ސާފުކުރުމުގެ ޕްރޮގްރާމަކީ ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ މުހިއްމުކަން ވިސްނައިދީ، އެކަމަށް މީހުން ހެލުންތެރި ކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފާހަގަ ކުރަމުންދާ “އާތު ޑޭ” ނުވަތަ ދުނިޔޭގެ ދުވަސް ފާހަގަކުރުމުގައި ބައިވެރި ވުމުގެ ގޮތުން ކުރެވުނު ކަމެކެވެ.

އެގޮތުން މިއަހަރުގެ ދުނިޔޭގެ ދުވަހުގެ ޝިއާރަކީ “އެންޑް ޕްލާސްޓިކް ޕޮލިއުޝަން” ކަމަށްވާތީ އީކުއޭޓާރ ވިލެޖުގެ ވަށައިގެން މޫދުގެ ސަރަޙައްދާއެކު ބޮޑު ސަރަޙައްދެއް ސާފުކޮށް ހުރިހާ ޕްލާސްޓިކު ކުންޏާއި އެހެނިހެން ކުނި ބުނިވެސް މުވައްޒަފުންނާއި މަސައްކަތުގައި ބައިވެރިވާން ބޭނުންވި ބައެއް ފަތުރުވެރިންގެ އެހީއާކު އީކުއޭޓާރ ވިލެޖުން ގާތްގަނޑަކަށް ޓަނެއްހާ ކުނި ނައްތާލާފައިވާކަމަށަ ވެސް ވަޙީދު ވިދާޅުވިއެވެ.

ވަޙީދު ވިދާޅުވި ގޮތުގައި ކޮންމެ ޓީމެއްގައި 8 މީހުން ހިމެނޭ 7 ޓީމަކުން ކުނި އެއްކުރި އިރު ކޮންމެ ޓީމަކުންވެސް 150ކިލޯ އާއި 200 ކިލޯ އާއި ދެމެދުގެ މިންވަރަށް ކުނިއެއްކުރިކަމަށެވެ. ވަޙީދު ދެކޭ ގޮތުގައި ދުނިޔޭގެ ވެށި ހިމާޔަތް ކުރުމަށްޓަކައި މިފަދަ ޕްރޮގްރާމްތަކަކީ ވަރަށް މުހިއްމު ޕްރޮގްރާމްތަކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމުގައިވެސް ވަހީދު ވިދާޅުވިއެވެ.

މޫދުގެ ސަރަޙައްދު ސާފުކުރުމުގައި ބައިވެރިވި މުވައްޒަފަކު ބުނިގޮތުގައި މިއީ އީކުއޭޓަރ ވިލެޖްގެ މުވައްޒަފުން ވަރަށް އުފަލާއެކު ކުރާހިތުން ކުރި ކަމެކެވެ. އަދި މި މަސައްކަތް ވާދަވެރިކޮށް ކުރިއަށް ގެންދިއުމުން މިއަދުގެ ޕްރޮގްރާމް ވަރަށްވެސް މަޖާކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތަކަށް މުވައްޒަފުންގެ އެއްބާރލުން ލިބޭނެކަމުގައެވެ

އީކުއޭޓަރ ވިލެޖުގެ މުވައްޒަފުން މި ޕްރޮގްރާމް ނިންމާލީ މުވައްޒަފުންނަށްޓަކައި ތައްޔާރުކޮށްފައި ހުރި ބޮނޑިބަތުގެ ޚާއްސަ ސުފުރާއަކަށް އިންސާފުކޮށް ބޮނޑިބަތުގެ ފޮނިކަން ކަރުތެރޭގައި ލައްވަމުން އަތިރިމަތީގައި ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހުގައެވެ. ބޮނޑިބަތް ކާން ބަހައްޓާފައި ހުރީ ތަށީގެ ބަދަލުގައި ދިލަޖައްސާފައި ހުރި ފަތްކެޔޮފަތް ގަނޑު ތަކުގައެވެ.

 

. .