މިނިވަން ކަޕް 2017 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ކެނެރީފް ޓީމާއި ބައްދަލުކޮށް 4 ލަނޑު 0 ލަނޑުން ސައުތު ބުލޫސް މެޗު ކާމިޔަބުކޮށްފިއެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގައި ސައުތު ބުލޫސް އިން ގިނައިރު ބޯޅަ ގެންގުޅެ މޮޅު ކުޅުމެއް ކުޅެފައިވާއިރު ކެނެރީފް ޓީމުން ވަނީ ސައުތު ބުލޫސް ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ސައުތު ބުލޫސްގެ ޝިހާމް(ޝިއްޕަރު) ޖެހި ލަނޑާއެކު ކެނެރީފުން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށްޓަކައި މޮޅު ކުޅުމެއް ކުޅެފައެވެ. މެޗުގެ ސައުވީސްވަނަ މިނިޓްގައި ޝިއްޕަރު އާއި ސާދު ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ސައުތު ބުލޫސް ޓީމަށް ވަނީ ކާމިޔާބުކޮށްދީފައެވެ. އެއް މިނިޓް ތެރޭގައި ސައުތު ބުލޫސް އިން ޖެހި ދެ ގޯލާއެކު ކެނެރީފުންވަނީ މެޗުގެ ޑިފެންސް ވަރުގަދަކޮށްފައެވެ. ސައުތު ބުލޫސްގެ ސާދު އަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު ސައުތު ބުލޫސްގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔަބުކޮށްދިނީ މެޗުގެ ތިރީސް އަށްވަނަ މިނިޓްގައި ހުސެއިން ރަފީއު(ރައްޕެ)އެވެ. ކެނެރީފުން މެޗުގެ ދެވަނަ ހާފްގައި ކުޅުން ރަގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވީ ނަމަވެސް މެޗު ނިމިގެން ދިޔައީ އެ ޓީމަށް ލަނޑު ޖަހާނެ ފުރުސަތެއް ނުލިބި ހަތަރެއް ސުމެއްގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސައުތު ބުލޫސްގެ ޝިއްޕަރުއެވެ. މާދަމާވެސް މި މުބާރާތުގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާ ހަވީރު 5 ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކްލަބާއި އޭޓީ ސްޕޯޓްސްއެވެ. 20:15 ގައި ފެށުމަށް ހަމަޖެހިފައިވާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކެނެރީފް އާއި މަރަދޫ އެފްސީއެވެ. އަދި ތިންވަނަ މެޗުގައި ބައްދަލުކުރާނީ ހުޅުދޫ ޔޫތާއި ރިސޯޓް ބޯއިސް އެވެ. މިނިވަން ކަޕް ހުޅުދޫގައި ބާއްވަމުން އަންނަތާ 9 އަހަރުވެފައިވާ އިރު މި މުބާރާތުގެ 2016 އަދި 2017 ވަނަ އަހަރުގެ މެއިން ސްޕޮންސަރަކީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދު އެވެ.