ޖާމަން ކަޕްގެ ސެމީގައި ލެވަކޫސެންއާއި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބައްދަލު ކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ބަޔާން މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާއިފިއެވެ.
ޖާމަން ކަޕުގައި މި ދެޓީމު ބައްދަލު ކުރި މެޗު ބަޔާންއިން ކާމިޔާބު ކުރީ 6-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ބަޔާން މިއުނިކުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ދެ ލަނޑު ޖަހައި ބަޔާންއަށް މެޗުގެ ކޮންޓުރޯލް ހޯދައިދީފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަކޫސަންއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ލެވަކޫސަންއަށް ކާމިޔާބުކޮށްދީފައިވަނީ ބެންޑާއެވެ.
ފުރަތަމަ ހާފްގައި ލެވެކޫސަންއިން މެޗުގެ ފަރަގު ކުޑަ ކުރި ނަމަވެސް ދެވަނަ ހާފު ފެށިގެން ތޯމަސް މުލާ ވަނީ ބަޔާންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބަޔާންގެ ހަތަރުވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓްގައި ތިއާގޯ ކާމިޔާބުކޮށްދިން އިރު އޭގެ ހަތަރު މިނެޓްފަހުން މުލާ ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.އަދި މެޗުގެ 78 ވަނަ މިނެޓްގައި މުލާ ވަނީ ބަޔާންގެ ހަވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ލެވަކޫސަންގެ ދެވަނަ ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ބެއިލީއެވެ.
ޖަރުމަނު ކަޕްގެ ފައިނަލްގެ ބަޔާން ބައްދަލުކުރާނީ ޝާލްކޭ އާއި ފްރެންކްފާޓް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މިއީ ފާއިތުވި ހަތް އަހަރުތެރޭ މި މުބާރާތުގެ ފައިނަލަށް ބަޔާން ދަތުރުކުރި ފަސްވަނަ ފަހަރެއެވެ.