English Edition
Dhivehi Edition
OLYMPUS DIGITAL CAMERA

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާނެ ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ.

މެޓްއޮފީހުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވާގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި އަދި މެދުތެރެއާއި އުތުރުއަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 13 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރިނަމަވެސް ކަނޑުގަދަ ނުވާނެ ކަމަށާއި އެހެންނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓްއޮފީހުން މައުލޫމަތުދެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ގުޅޭ ދުވަސްވަރަށްވާތީ ކުރަމުންދާ ވިއްސާރައެއް ކަމަށްވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.