English Edition
Dhivehi Edition

މައި ކޮލެޖުން އައްޑޫސިޓީ ހިތަދޫގައި ހިންގާ ކެމްޕަހުގައި މާސްޓަރސް ކިޔަވައިދެއްވަން ފަށްޓަވައިފިއެވެ. މައި ކޮލެޖު ހިތަދޫ ކެމްޕަހުގެ ކޯޑިނޭޓަރ ޢާއިޝަތު ޝިބާނާ ވިދާޅުވީ މިވަގުތު މާސްޓަރސް އަށް ކިޔެވޭނީ ހަމައެކަނި މާސްޓަރސްއިން އެޑިޔުކޭޝަން ކަމަށެވެ. މިކޯސް ފަރުވާކޮށްފައިވަނީ ޓީޗަރުންނަށް، އެޑިޔުކޭޝަން ކޮލިފިކޭޝަން އެލަވަންސް ލިބޭގޮތަށެވެ. މައި ކޮލެޖު ހިތަދޫ ކެމްޕަހުގައި މާސްޓަރސް ފަށައިފައިވަނީ 30 ދަރިވަރުންނާ އެކުގައެވެ. އަލަށް ފަށާއިރު އެ އަދަދަށް ދަރިވަރުން ލިބުމަކީ ކޮލެޖަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝިބާނާ ވިދާޅުވިއެވެ. “އަލަށް މާސްޓަރސް ފަށާއިރު ތިރީސް ކުދިން ބައިވެރިވުމުން އެއިން ދޭހަކޮށްދެނީ ކުދިން މައިކޮލެޖަށް އިތުބާރުކުރާމިންވަރު. އެއީ ކޮލެޖަށްވެސް ލިބުނު ކުރިއެރުމެއް އުފާވެރިކަމެއް،” ޝިބާނާ ވިދާޅުވިއެވެ. އެތަނުން ހިނގާ ތަފާތު ކޯސްތަކުގައި ޖުމްލަ 150 ދަރިވަރުން މިހާރުވެސް ކިޔަވަމުން ގެންދެއެވެ. ކިޔަވައި ދިނުމުގައި އެތަނަށް ދިމާވެފައިވާ މައިގަނޑު އެއް ދަތިކަމަކީ ޖާގައިގެ މައްސަލައެވެ. ޝިބާނާ ވިދާޅުވީ ޖާގަ އިތުރުވާގޮތެއް ވެއްޖެ ކަމަށްވާނަމަ ކިޔަވާ ކުދިންގެ އަދަދު މިހާރަށްވުރެވެސް އިތުރުވާނެ ކަމަށެވެ. މައި ކޮލެޖު ހިތަދޫ ކެމްޕަހުގައި މާސްޓަރސް ކޯސް ފަށްޓަވައި ދެއްވުމަށް ވަޑައިގެންނެވީ އެ ކޮލެޖުގެ ރެކްޓަރ ޑރ. އާމާލް އަލީއެވެ. މި ދަތުރުގައި އާމާލް ވަނީ ކޮލެޖުގެ ދަރިވަރުންނާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ދަރިވަރުންނަށް ދިމާވެފައިވާ ދަތިކަންތައްތައް ރެކްޓަރވަނީ އޮޅުން ފިލުއްވައިފައެވެ. މައި ކޮލެޖު ހިތަދޫ ކެމްޕަހަކީ ރަށުގައި ނުވަތަ އައްޑޫސިޓީގައި ތިބެގެން މަތީތައުލީމް ދަރިވަރުންނަށް ފޯރުކޮށް ދެއްވުމުގެ މަގުސަދުގައި ހިންގާ ކެމްޕަހެކެވެ. މިހާރުވެސް އެތައް ދަރިވަރުންނެއް އެތަނުންވަނީ ގުރެޖުއޭޓްވެފައެވެ.