މައި ކޮލެޖް އައްޑޫ ކެމްޕަސް އިން ސެޕްޓެމްބަރ އިންޓޭކާއި ދިމާކޮށް އޯލެވެލް ނިންމި ދަރިވަރުންނާއި އަދި އެހެނިހެން ގޮތް ގޮތުން މަތީ ތަޢުލީމު ޙާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެޑިއުކޭޝަނަލް ފެއަރ އެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިފެއާރ ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ދުވަހަށް ބަހާލައިގެން އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައެވެ.
އެގޮތުން އިވެންޓް ކުރިއަށް ދާނީ އައްޑޫ ސިޓީގެ މީދޫ ކޯގަންނު ފަންނު ބީޗް ސަރަޙައްދުގައި 31 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހު ހަވީރު 16:00އިން 18:00 އަށް، 1 ސެޕްޓެމްބަރ 2023 ވާ ހުކުރު ދުވަހު ހިތަދޫ ސިޓީ ސްކްއަރ ގައި ހަވީރު 16:00އިން 18:00އަށް އަދި މަރަދޫ ގައި 2 ސެޕްޓެމްބަރ 2023 ވާ ހޮނިހިރު ދުވަހު ގެ ހަވީރު 16:00އިން 18:00އަށެވެ.

މިފެއަރ ގެ މަޤްޞަދަކީ މައި ކޮލެޖް އިން ހިންގާ ކޯސްތަކުގެ މަޢުލޫމާތު ހުރިހާ ފަރާތްތަކަށް ފޯރުކޮށް ދިނުމާއި އެކު، ސެޕްޓެމްބަރ އިންޓޭކަށް ދަރިވަރުން ހޯދުން ކަމަށް އެކޮލެޖުން ބުނެއެވެ. އަދި މިވަގުތަކީ އޯލެވެލް ނަތީޖާ ލިބި ދަރިވަރުންތައް ކުރިއަށް ދާނެ ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރަމުންދާނެ ވަގުތަކަށް ވުމާއިއެކު އެފުރުޞަތުތަކުގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ އެ ކޮލެޖްގެ މަގްޞަދު ކަމަށް ވެސް އެފަރާތުން ބުނެއެވެ.
އެމް.އައި ކޮލެޖް ނުވަތަ ‘މައިކޮލެޖް’ އަކީ މިވަގުތުވެސް އެތައް ދަރިވަރުން ތަކެއް މަތީ ތަޢުލީމު ޙާޞިލް ކުރަމުންދާ އިންސްޓިޓިއުޓެކެވެ. އަދި މައިކޮލެޖް އައްޑޫ ކެމްޕަސް އިން ސެޓްފިކެޓް 3 ގެ ކޯސްތަކުން ފެށިގެން މާސްޓަރޒް ފެންވަރަށް ކިޔަވައިދެމުން އެބަގެންދެއެވެ.
މި ފެއަރ ގައި ފުރަތަމަ އެޑިޝަން މީދޫގައި ބާއްވާއިރު، މިފްކޯއިން އަދި ޝަރީފީ ޕްރީ ސްކޫލްއިން ބައިވެރިވާނެއެވެ. އަދި ދެވަނަ އަދި ތިންވަނަ އެޑިޝަންގައި މިއާންޒް އިންޓަރނޭޝަނަލް ސްކޫލް އިން ބައިވެރިވާނެއެވެ. ކުޑަކުދިންނާއިވެސް ގުޅޭ ގޮތަށް ތައްޔާރު ކުރެވިފައިވާ މިފެއަރ ގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ މައިކޮލެޖް އައްޑޫ ކެމްޕަސް ގެ އެދުމެއް ކަމަށް އެކޮލެޖުން ބުނެއެވެ.