ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި ރަޝިޔާގެ ސީއެސްކޭ މޮސްކޯ ކޮޅަށް ވެލްބެކް ޖެހި ލަނޑުން އިނގިރޭސި ވިލާތުގެ އާސެނަލް ދަތުރުކޮށްފިއެވެ.
ޔުރޮޕާ ލީގުގެ ސެމީ އަށް އާސެނަލް ދަތުރުކުރީ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ސީއެސްކޭއޭ މޮސްކޯއާއި 2-2 ލަނޑުން އެއްވަރުކޮށް ދެ ލެގުގެ އެގްރިގޭޓުން 3-6 އިން ކުރި ހޯދައިގެންނެވެ.ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އާސެނަލްގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު އާސެނަލްއިން ކާމިޔާބުކުރީ 4-1 ލަނޑުންނެވެ.
ރަޝިޔާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ސީއެސްކޭގެ ޗަލޯވް އަދި ނަބާބަކިންގެ ލަނޑުން ސީއެސްކޭ ދެ ލަނޑުގެ ލީޑެއް ނަގައި ސެމީގެ އުންމީދު އާކުރި ނަމަވެސް މެޗުގެ 75 ވަނަ މިނެޓްގައި އާސެނަލްގެ ޑެނީ ވެލްބެކް ކާމިޔާބުކުރި ގޯލާއެކު ސެމީއަށް ދިޔުމުގެ އުއްމީދު ސީއެސްކޭ އަށް ވަނީ ބަންދުވެފައެވެ. އަދި އާސެނަލްގެ ދެވަނަ ގޯލު މެޗުގެ ފަހުވަގުތުކޮޅު ތެރޭ ކާމިޔާބުކޮށްދިނީ އާރޮން ރަމްސީއެވެ.
ޔުރޕާ ލީގުގެ ކުއާޓާފައިނަލްގައި ރޭ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން 1-0 ލަނޑުން ބަލިވި ނަމަވެސް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވަނީ ދެ ލެގުގެ އެގްރިގޭޓުން 2-1 އިން ކުރި ހޯދައިގެން ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 1-2 އިން ކާމިޔާބުކުރީ އެތްލެޓިކޯ އިންނެވެ.
ޕޯޗުގަލްގައި ރޭ ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ސްޕޯޓިން އަށް މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޮންޓޭރޯއެވެ.
އެތްލެޓިކޯ އާއި އާސެނަލްގެ އިތުރުން ދެން މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ފްރާންސްގެ މާސޭ އާއި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގްއެވެ.