English Edition
Dhivehi Edition

ކޮންމެ އަހަރެއްގެ ވެސް މިނިވަން ދުވަހާ ދިމާކޮށް ހުޅުދޫގައި ބާއްވަމުން އަންނަ މިނިވަންކަޕް 2017 މިރޭ ފަށާގޮތަށް ޓީމުތަކުން ތައްޔާރުވެއްޖެއެވެ. މިރޭ 9 ޖަހާއިރު ހުޅުދޫ ފުޓްސެލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަންތަރަ ޓީމާއި ފްރެންޑްސް ކްލަބެވެ. މިއަހަރުގެ މުބާރާތުގައި 10 ޓީމު ބައިވެރިވެފައިވާއިރު މުބާރާތުގެ ގުރޫޕް އޭ ގައި ހިމެނޭ ޓީމްތަކަކީ މަންތަރަ، ފްރެންޑްސް ކްލަބު، ހުޅުދޫ ޔޫތް، ރިސޯޓް ބޯއިސް އަދި އޭޓީ ސްޕޯޓްސްއެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ފެނަކަ، މަލްޓި ޖީނިއަސް ސިޓީ، މަރަދޫ އެފްސީ، ކެނެރީފް އަދި ސައުތު ބްލޫސް އެވެ. ކޮންމެ ދުވަހަކު ހަވީރު އެއް މެޗު ، ރޭގަނޑު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް އޮންނާނީ 26 ޖުލައި 2017 ގައެވެ. ޖުމްލަ 120 ކުޅުންތެރިންނާއެކު ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތެވެ. ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މިނިވަން ކަޕްގެ މިދޔަ އަހަރުގެ ޗެމްޕިއަނަކީ ހުޅުދޫ އެފްސީ އާޝާނެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު ރަނަރަޕް ޓީމަށް ވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު ޝާހިދެވެ. ކޯ ސްޕޮންސަރަކީ އައިލެންޑް އެކްސްޕްރެސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.