English Edition
Dhivehi Edition

ހއ. އިހަވަންދުއަށް އުފަން އުމުރުން 11 އަހަރުގެ މުހައްމަދު މާއިން މޫސާ އަކީ ދެކިޑްނީ ފެއިލްވުމުގެ ސަބަބުން ހެލިފެލިވެ އުޅުމަށް ނުކުޅެދިފައިވާ ކުއްޖެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ މަހެއްހާ ދުވަސްކުރިން މާއިން ކެއުމާއި މާބޮޑަށް ދުރުވުމުން އިހަވަންދޫ މަރުކަޒަށް މާއިން ދެއްކުމުން ލޭ މަދު ކަމަށް ބުނެ ހދ. ކުޅުދުއްފުށްޓަށް ފޮނުވާލެވުނެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން މާއިންގެ ގަޔަށް ލޭ އަޅައިގެން އިރުކޮޅެއްނުވެ ފިޓް ޖެހުނެވެ. ދެން އެ ހޮސްޕިޓަލުން އައިޖީއެމްއެޗަށް ފޮނުވާލެވުނެ. މާއިންގެ ދެ ކިޑްނީވެސް ފެއިލް ވެފައިވާ ކަމަށް ބުނީ އައިޖީ އެމް ހޮސްޕިޓަލުން ކަމުގައިވެއެވެ. އަދި އައިޖީ އެމެ އެޗް ގައި ޑައިލިސިސް ހަދަން އުޅެނިކޮށް ހޮޅި ބްލޮކް ވެގެން ޑައިލަސިސް ހެދޭގޮތް ނުވުމުން އިންޑިއާ އަށް ފޮނުވާލެވުނެވެ.

މާއިންގެ ބަލި ހާލަތާ ގުޅޭ ގޮތުން “އޭއޯ ނިއުސްއާ” މާއިންގެ މަންމަ، އަޒްހާރާ ބުނީ މިވަގުތު މާއިންއަށް ފަރުވާ ދެމުން އަންނަނީ އިންޑިއާގެ އާނަންތަޕޫރީ ހޮސްޕިޓަލުގައި ކަމަށެވެ. އަދި ހަފްތާ އަކު ދެ ފަހަރު ނޫނީ ތިން ފަހަރު ޑައިލަސިސް ހަދަން ޖެހޭ ކަމަށާއި ޑައިލަސިސް ހަދަނީ މާއިންގެ ކަރަށް ހޮޅިހެއް ގުޅައިގެން ކަމަށެވެ. އަދި އެ ހޮޅީގައި އިންފެކްޝަން އުފެދިފައިވާތީ ވީހާވެސް އަވަހަށް ކިޑްނީ ބަދަލު ކުރުމަށް ޑޮކްޓަރުން ލަފާދެއްވާ ކަމަށެވެ.

މާއިންގެ މަންމަ ބުނީ ފަރުވާ އަށް އާސަންދައިގެ އެހީ ލިބުނު ނަމަވެސް، އިންޑިއާގައި ހުރުމާއި ކެއުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެ އާއިލާއިން ދީލަތި އެހީތެރި ކަމަކަށް އެދޭ ކަމަށެވެ. މާއިންގެ ބައްޕަ އަކީ މަސްވެރިއަކަށް ވާތީ، އިންޑިއާގައި ހުންނަން ޖެހުމުން ފައިސާ ލިބޭނެ ގޮތެއް ނެތް ކަމަށް މާއިންގެ މަންމަ ބުންޏެވެ.

އާއިލާގައި މާއިންއާ ކިޑްނީ ދިމާވަނީ ހަމައެކަނި އަޒްހާރާގެކަމަށާއި ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން އޭނާ ސިޒޭރިއަނެއް ހަދާފައިވާތީ އޭނާގެ ކިޑްނީ ނުދެވޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އަޒްހާރާ ބުނެއެވެ.

އެ އާއިލާއިން މިވަގުތު މަސައްކަތް ކުރަމުންދަނީ އެކުއްޖާއަށް ކިޑްނީއެއް ހަދިޔާ ކުރާނެ މީހަކު ވޭތޯއެވެ. މީގެއިތުރުން ޓްރިވެންޑްރަމްގައި ގިނަ ދުވަސްތަކެއްވަންދެން ފަރުވާއަށް ތިބެންޖެހި އާއިލާގެ އަތްމަތިވެސް މިހާރު ވަނީ ވަރަށް ބޮޑަށް ދަތި ވެފައެވެ. އެހެންވެ ތިޔަބޭފުޅުންގެ މާލީ އެހީތެރިކަންވެސް އެ އާއިލާއިން ވަރަށް ބޮޑަށް އެދެއެވެ. އަދި މާއިންގެ މަންމަގެ ވަރަށް މުހިންމު އެދުމެއް އެބައޮތެވެ. ދަރިފުޅަށް ޝިފާ ދެއްވުން އެދި ތިޔަހުރިހާ ބޭފުޅުންވެސް ﷲ ގެ ހަޒްރަތުގައި ދުއާ ކޮށްދިނުމެވެ.

އެހެންކަމުން މިއަދު މާއިންގެ އާއިލާއަށް ވަނީ ނިހާޔަތަށް ތިޔައެންމެހައި ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. އާއިލާ އެދަނީ ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތަކަށެވެ. އަދި ތިޔަހުރިހާ ބޭފުޅުންގެ ހެޔޮދުޢާ އާއި ދީލަތި އެހީތެރިކަމެވެ.

މުހައްމަދު މާއިން މޫސާ އަށް އެހީތެރިވުމަށް:

ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ނަންބަރު: 7714523536101

އެކައުންޓު ނަން: އައިޝަތު އަޒްހާރާ

ގުޅުއްވާނެ ފޯނު ނަންބަރަކީ: 7898999 އައިޝަތު އަޒްހާރާ (މުހައްމަދު މާއިން މޫސާގެ މަންމަ އައިޝަތު އަޒްހާރާ)