ރާއްޖޭގައި ނެރެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު 45 ދުވަހަށް ފަހު މިއަދު މެންދުރު 12:00 ން ފެށިގެން އުވާލައިފިއެވެ.
ކުއްލިނުރައްކަލުގެ ހާލަތު އުވާލިކަން ހާމަކޮށްފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިން ގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ގެ ފަރާތުން އިއްވި ބަޔާނަކުންނެވެ.
ކުއްލި ހާލަތު އުވާލީ ކަމަށް ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވި ބަޔާން އިއްވުމަށްފަހު ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލު ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގިނަ ކަންތައްތަކެއް ހިނގާ އެކަމުގެ ސަބަބުން ރައްޔިތުންނާއި ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަމަށް އަސަރުކޮށް މިނިވަންކަމާ އިސްތިގުލާލަށް އަސަރުކޮށްފާނެ ކަމަށް ފެންނާތީ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރަކާ ގުޅިގެން ފެބުރުއަރީ ފަސް ވަނަ ދުވަހު އެވެ. އެ ހާލަތު 45 ދުވަހުގެ މުއްދަތަށް ދިގު ކުރުމަށް މަޖިލީހުން ފާސްކުރި މުއްދަތު ހަމަ ވަނީ މިއަދަށެވެ.
ރައީސް އޮފީހުގައި މިއަދު ދެއްވި ބަޔާނުގައި އެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ގައުމީ ސަލާމަތަށް އޮތް ނުރައްކާ މުޅިން ފިލާ ނުދިޔަ ނަމަވެސް ކުއްލި ހާލަތު އިތުރުނުކޮށް ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް އިތުރު ގެއްލިމެއް ލިބުނަ ނުދީ ކުރިއަށް ގެންދެވިދާނެ ކަމަށް ސަލާމަތާ ބެހޭ މުއައްސަސާތަކުން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އަރުވާފައިވާ ކަމަށެވެ.
ނަމަވެސް ދައުލަތަށް ކުރިމަތިވެފައިވާ ނުރައްކާ މުޅިން ފިލާ ނުދާ ކަމަށާއި އެކަމާ ގުޅުން ހުރި ބައެއް މައްސަލަތައް އަދިވެސް ދަނީ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ސަރުކާާރުން ވަނީ ބުނެފައެވެ
ކުއްލި ޙާލަތު އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނޫ އަސާސީގެ 253 މާއްދާގައި ލިބިދޭ ބާރުގެ ދަށުން ދަށުން ރައީސް ޔާމީން ގެ ޤަރާރަކުންނެވެ.