English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކްޙާން ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވާން ހަމަޖެހިފައިވާ ދަ ކަޕިލް ޝަރުމާ ޝޯ ކެންސަލްކޮށްފިއެވެ. ‘ޖަބް ހެރީ މެޓް ސާޖަލް’ ޕްރޮމޯޓް ކުރުމަށްޓަކައި ޝާހު ބައިވެރިވާން ހަމަޖެހިފައިވާ މި އެޕިސޯޑް ކެންސަލްކުރަން ޖެހުނީ މަޝްހޫރު ކޮމެޑިއަން ކަޕިލް ޝަރުމާގެ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން ނެވެ. މި ކަމާއި ގުޅޭގޮތުން ޝޯގައި ހަރަކާތްތެރިވަމުން ދިޔަ ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ބުނެފައިވަނީ ޝޯގެ ޝޫޓިން ފަށަން ތައްޔާރުވެފައިވަނިކޮށް ކުއްލިއަކަށް ކަޕިލް ހޭނެތިގެން ވެއްޓުނީ ކަމުގައެވެ. ” މި ޝޯ ކާމިޔާބު ޝޯއަކަށް ހެދުމަށްޓަކައި ކަޕިލް އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްތެކެއް ކުރަމުން. މިހާރު އަނެއްކާ ކުރްޝްނާ އަބީޝޭކްގެ އާ ކޮމެޑީ ޝޯއެއް ފެށިގެން އުޅެނީ.ސުނިލް ޝޯ ދޫކޮށްލުމުން ޓީއާރްޕީ ވަރަށް ބޮޑަށް ދަށްވި. މި ހުރިހާކަމަކާ ގުޅިގެން ކަޕިލް މާ ބޮޑަށް ވިސްނުމުގެ ސަބަބުން ސިއްޙަތައް މިވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ” އެ ފަރާތުން ބުނެފައިވެއެވެ. މި ކަމާއި ގުޅިގެން ކަޕިލް އާއި އޭނަގެ ޓީމުގެ ފަރާތުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. މިދިޔަ މާޗް މަހު ކަޕިލް އާއި ސުނިލް ގްރޯވާރ ޖެހުނު މައްސަލައެއްގެ ސަބަބުން ސުނިލް ވަނީ ޝޯ އިން ވަކިވެފައެވެ. ސުނިލް ޝޯ ދޫކޮށްލުމާއި ގުޅިގެން އެކަމުގެ އަސަރު ޝޯއަށް ކޮށްފައިވާއިރު ކަޕިލް ވަނީ ސުނިލްގެ ކިބައިން މައާފަށްވެސް އެދިފައެވެ.