English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ.އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި ނ.ފޮއްދޫ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި، ތުޙުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މިމަހުގެ 07 ވަނަ ދުވަހު ނ.މަނަދޫ އަދި ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ. މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅެމުންދާ ގެކޯޓު އަމުރެއްގެ ދަށުން ވަނީ ބަލައި ފާސްކޮށްފައެވެ. ފާސް ކުރުމުގެ ތެރޭގައި އެގޭ ކޮޓަރިއެއްގެ ތެރޭގައި ހުރި ފޮއްޓެއްގެ ތެރޭގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.