English Edition
Dhivehi Edition

އިންސާނުން އުޅޭ ކޮންމެ ތަނެއްގައި އެތަނެއްގެ މާދަރީ ބަހެއް އޮންނާނެކަން ކަށަވަރވެ. އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކާއުޅޭނެއެވެ. ބަހުރުވަ ކިތަންމެ ތަފާތު ނަމަވެސް އެތަނެއްގައި ވާހަކަ ދެވޭ ބަސްތައް އެތަނެއްގެ އަހުލުވެރީންނަށް އޮޅުން ފިލާނެއެވެ.

ކޮންމެ ބައެއްގެ ވެސް މާދަރީ ބަހަކީ އެބައެއްގެ އުފަން ބަހެވެ. ނުވަތަ އުފަންވާ ދުވަހުން ފެށިގެން އަޑު އިވި ދަސްވާ ބަހެވެ. އެއީ މަންމަގެ ބަހެވެ.

ދިވެހި ރާއްޖޭގެ މާދަރީ ބަހަކީ ދިވެހީންނަށް ޚާއްސަ ބަހެކެވެ. މަދުން ނޫނީ މިހާ ކުޑަ ގައުމެއްގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ބަސްތަކާ ޚިލާފަށް އަމިއްލަ ބަހަކުން ލިޔެ އުޅޭ ގައުމެއް ނުފެންނާނެއެވެ.

ރާއްޖޭގައި ތަފާތު ތިނެއް ނުވަތަ ހަތަރު ހިސާބެއްގައި ވާހަ ދެކެވެމުން ދަނީ ތަފާތު ބަހުރުވައަކުން ކަމުގައި ވިޔަސް އެންމެންނަށް ވެސް ކޮންމެވެސް ވަރަކަށް އޮޅުން ފިލާ ބަހެކެވެ. ވިޔަސް ހައްދުން މަތީން އުތުރުގެ މީހުންނަކަށް ދެކުނުގެ ބަސްތަކެއް ރަނގަޅަކަށް ނޭނގޭމެއެވެ.

ދިވެހިބަހުގެ ޚާއްސަ އަނެއް ކަމަކީ އެންމެންނަށް އެނގޭ އެއް ބަހުރުވައެއް އޮންނަ ކަމެވެ. އެއީ މާލޭ ބަހެވެ. ނުވަތަ ހައްދުން މަތީން ފެށިގެން އުތުރުގައި ވާހަކަ ދެވޭ ބަހުރުވައެވެ. ހުވަދޫބަހާއި މުލަކު ބަހާއި އައްޑޫބަސް ކިތަންމެ ތަފާތަކަސް މިތިން އަތޮޅުގެ މީހުންނަށް މި ބަހުރުވަތައް އޮޅުން ފިލައެވެ. އެއިން ކޮންމެ އަތޮޅެއްގެ ބަހުން ވާހަކަ ދެއްކި ކަމުގައި ވިޔަސް ވެސް މެއެވެ. ހުވަދޫ ބަސް އޮޅުދޫ ކަރައިގެ ބަހުރުވަޔާ ވައްތަރެވެ. ވިޔަސް ދެކެވޭ ވާހަކަތަކެއް އޮޅުމެއް ނުފިލައެވެ.

އައްޑޫ މީހަކަށް އަތޮޅުގެ ކޮންމެ ރަށެއްގެ ބަޔަކު ދެއްކި ނަމަވެސް ހުރިހާ ބަހެއް ރަނގަޅަށް އޮޅުން ފިލާނެއެވެ. އެއީ އައްޑޫގެ މާދަރީބަސްވީމައެވެ. އައްޑުއަށް އުފަންވެ އައްޑޫގައި ބޮޑުވީ ނަމައެވެ.
ދިވެހި ބަހަކީ ސިންގަޅަ ނުވަތަ މަލަޔާޅަމް ބަހާ ވައްތަރު ބަހަކަށް ވިޔަސް ދިވެހިބަސް އަޑުއަހަން މާ ހިތްގައިމު ގޮތެއް ހުރެއެވެ.

ރާއްޖޭގަ ހުރިހާ ތަނެއްގައިވެސް ލިޔެވޭ ބަހުރުވަ އެއްގޮތެވެ. ލިޔާނީ ތާނައިންނެވެ. މީގެ އަށްސަތޭކަ ވަރަކަށް އަހަރުގެ ކުރީގައި ލިޔެ އުޅުނު އަކުރަކީ އެވޭލާ އަކުރު ނުވަތަ ދިވެސް އަކުރު ކަމުގައި ވިޔަސް މިއަދު އެއަކުރުތަކުން ލިޔާ ބަޔަކު ނޫޅެއެވެ. އެނގެނީވެސް މަދު ބަޔަކަށްމެއެވެ.

އެހެންނަމަވެސް މިއަދު ތާނައިން ލިޔެފައިވާ ލިއުމެއް ކިޔަން ނޭނގޭނެ މީހަކު ހުންނާނެ ކަމަކަށް ނުބެލެވެއެވެ. އަދި ލެޓިނުން ހުންނަ ދިވެހި ބަހަށްވެސް އެންމެންހެން ފަރިތައެވެ.

އެހެން ކަމުން ދިވެހި މާދަރީބަސް ހަމަ މިގޮތުގައި ކުރިއަށް އޮތް ޖީލުތަކަށް ދެމިގެން ދާނެކަމީ ކުޑަވެސް ޝައްކެއް ހުރި ކަމެއް ނޫނެވެ.

ކޮންމެ ތަނެއްގައިވެސް އެއްދުވަހުން އަނެއް ދުވަހަށް އެއްޒަމާނުން އަނެއް ޒަމާނަށް ބަސްތަކަށް ބަދަލު އަންނާނެއެވެ. ބަހުރުވަ ތަފާތު ވަމުން ދާނެއެވެ. އެގޮތުން ދިވެހި ބަސް ވެސް މިދަނީ މިހާރުވެސް ކޮންމެވެސް ވަރަކަށް އެހެނިހެން ބަސްތަކާ މަސްހުނިވެ އެކުވެ ލާމެހެމުންނެވެ. . އަދި ހަމަ އެފަދައިން އާ ބަސްތައް ވެސް ދަނީ އުފެދި އިތުރުވަމުންނެވެ.

މިއަދު އަލަށް އުފެދޭ ބަސްތައް ބަހުރުވައިގެ ތެރެއަށް ވަނުމަކީ އެއެްބަޔަކު ކަންބޮޑުވާ ކަމަކަށް ވިޔަސް އަނެއް ބަޔަކު ދެކެނީ މި ބަސްތަކުން ދިވެހި ބަސް މުއްސަނދިވެގެން ދާކަމަށެވެ.

ވިޔަސް ޒަމާނަށް އަންނަ ބަދަލާއެކު އެ ބަހުރުވަ ބަދަލުވަމުން ދާނެ ކަން އެންމެންވެސް ގަބޫލު ކުރަން ޖެހެއެވެ.

އެގޮތުން އައްޑޫގެ ބަހުރުވައިގެ ތެރެއަށް މިއަދު މިދަނީ މާލޭ ބަސް ވަރަށް ބާރަށް ވަންމުންނެވެ. އެހެން އެކަން އޮތް ނަމަވެސް އައްޑޫ ބަހުރުވަ އޮތީ ހަމަ ވަރުގަދަކަން މަތީގައެވެ.

އައްޑޫގެ ބަހުރުވަ އިތުރަށް ދެމެހެއްޓުމަށް އިތުރު މަސައްކަތް ތަކެއް ވަނީ ކުރަން ވެސް ޖެހިފައެވެ. އެގޮތުން އެކަމަށް ނޫސްތަކުގެ ދައުރު ނުހަނު ބޮޑެވެ. .