English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލް އިދާރާގެ މި އަހަރުގެ ތަމްރީނު ފޯވަހި ފަށައިފިއެވެ.

ކައުންސިލް އިދާރާގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ފޯވަހި ފައްޓަވައި ދެއްވެވީ މޭޔަރ އަލްފާޟިލް ޢަބްދުﷲ ސާދިޤެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ، މުވައްޒަފުންގެ ކުރިއެރުމަށް ކައުންސިލުން ކޮންމެ އަހަރަކުވެސް ގިނަ ޚަރަދުތަކެއްދަނީ ކުރައްވަމުންކަމަށެވެ. އެހެންކަމުން ކޮންމެ މުވައްޒަފަކުވެސް އަމިއްލަ ނަފުސް ތަރައްޤީކުރުމަށް މަސައްކަތްކޮށް، ލިބެން އޮތް ކޮންމެ ފުރުޞަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވާކަމަށް މޭޔަރ ވިދާޅުވިއެވެ.

މުވައްޒަފުންގެ ތަމްރީނު ފޯވަހި ފެށުމުގެ ރަސްމިއްޔާތަށްފަހު މޭޔަރ ވަނީ ބައިވެރިންނަށް ތަމްރީނު ޕްރޮގްރާމެއް ނަންގަވައިދެއްވާފެއެވެ. މިތަމްރީނު ޕްރޮގްރާމުގައި މުވައްޒަފުން އެކުގައި ގުޅިގެން ކަންކަން ހައްލުކުރުމަށާއި، ކަންކަން ފެށުމުގެ ކުރިން ރާވައި އިންތިޒާމުކުރުމުގެ މުހިންމުކަން ދަސްކޮށްދެވުނެވެ.

މި ތަމްރީނު ފޯވަހި ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފާއި، ކައުންސިލަރ އަލީފަހުމީ އަހުމަދު ބައިވެރިވެ ވަޑައިގަތެވެ. އަދި ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާއާއި އަވަށުއޮފީސްތަކުގެ ވެރިންނާއި ސެކްޝަންތަކުގެ ވެރިންނާއި އިސް ބައެއް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ކައުންސިލް އިދާރާގެ މުވައްޒަފުންގެ ކުރިއެރުމަށް ކައުންސިލުން ކޮންމެ އަހަރަކުވެސް ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ. މިގޮތުން މިއަހަރުވެސް ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށްގެން މުޅިއެކު 109 ގަޑިއިރުގެ 10 ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެއިތުރުން ކައުންސިލް އިދާރާއާއި ސިވިލް ސަރިވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ‘ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް’ ކޯހަކާއި ‘ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން’ ކޯހެއް ހިންގުމަށްޓަކައި ފަހުމުނާމާގައި ސޮއި ކުރެވި ސެޓްފިކެޓް 3 ގެ ކޯހުގެ ކިޔެވުން މިއަހަރު ވަނީ ފެށިފައެވެ. ޑިޕްލޮމާ ކޯހުގެ ކިޔެވުންވެސް މާޗް މަހު ފެށޭނެއެވެ.

ކައުންސިލްގެ ކޮންމެ މުވައްޒަފަކީވެސް އަހަރުތެރޭގައި މަދުވެގެން 12 ގަޑިއިރުގެ ތަމްރީން ފުރިހަމަކޮށްފައިވާ މުވައްޒަފަކަށް ހެދުމަކީ ކައުންސިލުން ކަނޑައަޅާފައިވާ ލަނޑުދަނޑިއެކެވެ. އެގޮތުން މިދިޔަ އަހަރުވެސް ޖުމްލަ 181 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމް ހިންގައި ކައުންސިލުން ކަނޑައަޅާފައިވާ ލަނޑުދަނޑި ވަނީ ހާސިލްކުރެވިފައެވެ.