English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހެޕީ މާކެޓް ރަމަޟާން ވޮލީބޯލް ޓޯނަމެންޓް” ގެ ތިންވަނަ ސެމީފައިނަލުގައި ޗެމްޕިއަންޓީމާ ދެކޮޅަށް ނުކުންނާނެ ޓީމަކަށް ޓީމް ޕެޓޫ ހޮވިއްޖެއެވެ. އެޓީމަށް އެފުރުސަތު ލިބުނީ ފޭދޫ ވޮލީކޯޓުގައި މިރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ކުލަބު އީޖީޕީއާ ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެނެވެ. އެ މެޗުގެ ފިރެހެން މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީޕީޖީގެ ޖާޒީ ނަމްބަރު 10 އިބްރާހީމް އާސިރެވެ. އަންހެން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަމައެޓީމުގެ ޖާޒީ ނަމްބަރ 8 ޝަޒުމީނާ ޒިހުނީއެވެ. މުބާރާތުގެ ތިންވަނަ ސެމީފައިނަލް މާދަމާރޭ ކުޅޭނެއެވެ. ބައްދަލުކުރާނީ ޓީމް ޕެޓޫއާއި، ފުރަތަމަ ސެމީން ބަލިވެފައިވާ ޗެމްޕިއަންޓީމެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބޭނެއެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޗެމްޕިއަންޓީމު އަތުން މޮޅުވެ މިކްސް ސިކްސް އިންވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. މި މުބާރާތަކީ ފޭދޫ ޒުވާނުން އިސްނަގައިގެން މިރޯދަމަހު ބާއްވަމުންދާ މުބާރާތެކެވެ. މަގުސަދަކީ ކުޅިވަރުގެ ރޫހު އެރަށުގައި އާލާކޮށް ދިރުވުމެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާއި، ދި ފޭދޫ ސްޕޯޓްސް ކުލަބާއި، ބެންކުއިޓުގެ އެހީތެރިކަމާއެކުގައެވެ. މުބާރާތުގެ މެއިންސްޕޮންސަރަކީ ހެޕީމާކެޓެވެ. މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ. މި މުބާރާތުގައި ދެންކުޅޭނީ ސެމީ ފައިނަލް މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ޗެމްޕިއަން ޓީމާއި، މިކްސް ސިކްސް އެވެ. މެޗު އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.