English Edition
Dhivehi Edition
ފޮޓޯ: އެމްޕީއެލް

ރާއްޖޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތުން މިހާތަނަށް 90.07 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1.39 ބިލިއަން ދިވެހި ރުފިޔާ) ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުވުމަށް ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.

މަޖިލިސް ތަޅުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ސަރުކާރުން އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން، ބަންކަރިންގެ ހިދުމަތުން ލިބުނު ބޮޑު އާމްދަނީގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމާ އަޅައިބަލާއިރު ބީއެމްއެލް މެދުވެރިކޮށް 15.42 ގެ ރޭޓުގައި ޑޮލަރު ދޫކުރި އަދަދު މި ސަރުކާރުގައި 80 ޕަސަންޓު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އަސާސީ މުދަލުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ދުނިޔޭގެ މަސްރަހުގައި ހިނގި އިރާނު-އެމެރިކާ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކްރައިސިސް ކޮމިޓީގެ މަސައްކަތުން، “ﷲ ގެ ވާގިފުޅާއެކު” ރާއްޖެ ތެލަށާއި، ގޭހަށާއި، ކާޑަށް ނުޖެހި ސަލާމަތްވި ކަމަށެވެ. އަދި ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީން ދުވާލަކު އެއް ފަހަރު 164 އައިޓަމެއްގެ އަގު މޮނީޓާ ކުރަމުންދާ ކަމަށާއި، އަސާސީ މުދަލުގެ ލިސްޓު 80 އަށް އިތުރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބަނދަރުގެ ހިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އަމާޒަކީ ނޮވެމްބަރު 2027 ގައި ތިލަފުށި އިންޓަނޭޝަނަލް ޕޯޓު އެއްކޮށް އޮޕަރޭޝަނަށް ގެނައުން ކަމަށެވެ. އަދި ޑިސެމްބަރު 2026 ގެ ނިޔަލަށް ދޯނިން އުފުލާ މުދާ ކްލިއަރ ކުރުން އެއްކޮށް ތިލަފުށްޓަށް ބަދަލުކުރުމުން މާލެ އަދި ހުޅުމާލެ ކީވޯލްގެ ތޮއްޖެހުން ހައްލުވެގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓްރީގެ ދެފުށްފެންނަ މިންވަރާއި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ 12 ބިޒްނަސް ސެންޓަރުން މެދުކެނޑުމެއްނެތި ހިދުމަތް ދެމުންދާ ކަމަށެވެ. އަދި ވޭތުވެދިޔަ މުއްދަތުގައި 192 އާރުޓީއައި އަކަށް ޖަވާބުދީ، 184 ފަހަރު މީޑިއާއާ ބައްދަލުކުރައްވައި، މަޖިލީހަށް ފުރިހަމައަށް ޖަވާބުދާރީވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.