English Edition
Dhivehi Edition
ނޫސްވެރިއެއް

ދޮގު މައުލޫމާތާއި ފިތުނަފަސާދައަށް މަގުފަހިވާ އެންމެހައި ކަންކަމުން އެއްކިބާވެ، ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ. އެ ކޮމިޝަނުން މިކަމަށް އިލްތިމާސްކުރީ ރާއްޖޭގެ ގައުމީ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގަ އެވެ.

އެމްއެމްބީސީގެ ބަޔާނުގައި ބުނީ ބްރޯޑްކާސްޓިން ހިދުމަތަކީ އިޖުތިމާއީ، ސިޔާސީ އަދި އިގްތިސާދީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ތެދު މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ނުފޫޒުގަދަ އެއް ވަސީލަތް ކަމަށެވެ. އަދި އިސްލާމީ މާތް އަހުލާގާއި ދިވެހި ގައުމިއްޔަތާއި ސަގާފަތް ދަމަހައްޓައި، އިތުބާރުހުރި މައުލޫމާތު މުޖުތަމައަށް ފޯރުކޮށްދިނުމުގައި ދިވެހި ބްރޯޑްކާސްޓަރުން އަދާކުރަމުން ދަނީ އަގުނުކުރެވޭ ފަދަ ގައުމީ ހިދުމަތެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި ދުވަހުގެ ތަހުނިޔާ ފޮނުވަމުން އެމްއެމްބީސީން ވަނީ، ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށް ހުރިހާ މީޑިއާތަކަށް ގޮވާލައިފަ އެވެ. ހަމައެއާއެކު މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި އެ ކޮމިޝަން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ ފެށިގެން އައި ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ މި ހިދުމަތް ފެށުނީ 29 ޑިސެމްބަރު 1962 ގައި “މާލެ ރޭޑިއޯ” ގެ ނަމުގަ އެވެ. އޭގެ ފަހުން އެކި ނަންނަމުގައި ހިދުމަތް ކުރިއަށްގޮސް، 1980 ގައި “ދިވެހިރާއްޖޭގެ އަޑު” ގެ ނަމަށް ބަދަލުވި އިރު، 1978 ގައި ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގެ ހިދުމަތް ވަނީ ފަށައިފަ އެވެ. އަދި 2007 ގައި އަމިއްލަ ފަރާތްތަކަށް ހިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާލައި، 2010 ގައި ބްރޯޑްކާސްޓްކުރުމުގެ ގާނޫނެއް ވުޖޫދަށް ގެނެވުނެވެ.

މީގެ އިތުރުން 18 ސެޕްޓެމްބަރު 2025 ގައި ތަސްދީގުކުރި މީޑިއާ އަދި ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އެމްއެމްބީސީ އުފެދި، ޒަމާނީ ވަސީލަތްތަކާއެކު މި ދާއިރާ ވަނީ އާ ހަރުފަތަކަށް ވާސިލުވެފަ އެވެ. ކޮމިޝަނުން ހާމަކުރި ގޮތުގައި މިވަގުތު ރާއްޖޭގައި 37 ބްރޯޑްކާސްޓަރުންނާއި 29 ރީބްރޯޑްކާސްޓަރުން އަންނަނީ ހިދުމަތް ދެމުންނެވެ.