English Edition
Dhivehi Edition

މިސީޒަންގައި ޕްރާންސްގެ ޕީއެސްޖީއަށް ދުނިޔޭގެ ރިކޯޑް ފީއަކަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުންގެންދާ ބްރެޒިލްގެ ނޭމާ ނެތި ކުޅުނު މެޗު ކާމިޔާބުކޮށް ފްރެންޗް ކަޕްގެ ކުއާޓާފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފިއެވެ

ފްރެންޗް ކަޕްގައި ރޭ ކުޅުނު މެޗު ސޮޗައުޒް އާއި ވާދަކޮށް ޕީއެސްޖީ އިން ކާމިޔާބުކޮށްފައިވަނީ 1-4 ލަނޑުން ނެވެ.

ނޭމާ ނުލައި ޕީއެސްޖީއިން ކުޅުނު މުޅި މިމެޗުގައި ވެސް ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޕީއެސްޖީއިން ވަނީ ޑިމަރިޔާ ލަނޑުން މެޗުގެ ފުރަތަމަ މިނެޓްގައި ލީޑު ނަގާފައެވެ.

ފުރަތަމަ މިނެޓްގައި ލަނޑު ޖަހައި ޕީއެސްޖީ ސޮޗައުޒްގެ މައްޗަށް ކުރި ހޯދިނަމަވެސް ސޮޗައުޒް އިން ވަނީ މެޗުގެ 13 ވަނަ މިނެޓްގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ރޭގެ މެޗުގައި ދެވަނަ ފަހަރަށް މެޗުގެ ލީޑު ޕީއެސްޖީއަށް ހޯދާދީފައިވަނީ ޕީއެސްޖީގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުން ތެރިޔާގެ ރިކޯޑް މިދިޔަ ހަފްތާގައި މުގުރާލި އެޑިންސަން ކަވާނީއެވެ..

ރޭގެ މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ޕީއެސްޖީގެ ތިންވަނަ ގޯލު ޑިމަރިޔާ ކާމިޔާބުކޮށްދިންއިރު މެޗުގެ 62 ވަނަ މިނެޓްގައި ޑިމަރިޔާ ވަނީ ޕީއެސްޖީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ޕީއެސްޖީގެ އިތުރުން މާސޭ ވެސް ރޭ ވަނީ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ. މާސޭ ކުއާޓާ އަށް ދަތުރުކުރީ ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ބޯގް އެން ބްރެސް އާއި ބައްދަލުކޮށް 0-9 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.