English Edition
Dhivehi Edition

ރާއްޖޭގެ ފިޓްނަސް އަދި ޕާސަނަލް ޓްރެއިނިން ދާއިރާގެ ކުރިމަގާއި މިންގަނޑުތައް ހަރުދަނާކުރުމަށް އަމާޒުކޮށް، އެފްއީއޭ އެކަޑަމީ މޯލްޑިވްސްއިން އިންތިޒާމުކުރި “އެފްއީއޭ މޯލްޑިވްސް ކެރިއަ ޓޯކް 2026” ހުޅުމާލޭގެ ވޯޓާސް އެޖުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޖުމްލަ 60 ބައިވެރިންނާއެކު ފުރިހަމަ ތަރުހީބެއް ލިބުނު މި ހަރަކާތަކީ ފިޓްނަސް ޓްރެއިނަރުންނާއި، ޖިމް ހިންގާ ފަރާތްތަކުގެ އިތުރުން ހިދުމަތް ހޯދާ އާންމުން އެއްތަނަކުން ބައްދަލުވެ ހިޔާލު ބަދަލުކުރުމަށް ހުޅުވާލި މުހިންމު ޕްލެޓްފޯމެކެވެ.

މި އިވެންޓުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެފްއީއޭގެ ބާނީ ޖެރިކަން ޓޭން އެވެ. އޭނާ ދެއްވި ޕްރެޒެންޓޭޝަނުގައި ބައިނަލްއަގުވާމީ ފެންވަރުގައި ޕާސަނަލް ޓްރެއިނިން ދާއިރާ ތަރައްގީވަމުން އަންނަ ގޮތާއި، ތައުލީމީ އަދި ސެޓްފިކެޓް ހާސިލުކުރުމުގެ މިންގަނޑުތަކަށް އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ފިޓްނަސް ދާއިރާގެ މަސައްކަތްތެރިންގެ ފެންވަރު ކަނޑައަޅާ އުސޫލުތައް އޭނާ ވަނީ ހިއްސާކުރައްވާފައެވެ.

ހަރަކާތުގެ ތެރެއިން ކުރިއަށްދިޔަ ހާއްސަ ޕެނަލް ޑިސްކަޝަނުގައި ރާއްޖޭގެ ފިޓްނަސް ދާއިރާގައި ގިނަ ދުވަސްވީ ތަޖުރިބާކާރުން ކަމަށްވާ މާލެ ފިޓްނަސް ކްލަބުގެ ބާނީ ހާމިދު އަބްދުލްޣަފޫރާއި، ޓެމްޕޯގެ ބާނީ ހުސައިން ޒިނާން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބޭފުޅުން ވަނީ ރާއްޖޭގައި ފިޓްނަސް ދާއިރާ ބަދަލުވަމުން އައި ގޮތާއި، ސްޕޯޓްސް ސައިންސާއި ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ތަމްރީނުތައް ބައްޓަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މީގެއިތުރުން ގްރިޓިން ފިޓްގެ ބާނީ މަރިޔަމް މަނީހާ (ޓްރެއިނަރު ޕިއްޓު) ވަނީ މި ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި އަމަލީ ގޮތުން މަސައްކަތްކުރާ ޕާސަނަލް ޓްރެއިނަރެއްގެ ހައިސިއްޔަތުން ޝިނާޒް ވާހަކަދެއްކިއިރު، ހިދުމަތް ހޯދާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރީ ޓީވީ ޕްރެޒެންޓަރު މަދަދާއެވެ. މި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގައި ޓްރެއިނަރުންނަށް ދިމާވާ ދަތިތަކާއި، ކްލައިންޓުން އެދޭ ކަންކަން ދެނެގަތުމަށް ފުރުސަތު ލިބިގެންދިޔައެވެ.

އެފްއީއޭ އެކަޑަމީ މޯލްޑިވްސްއިން ބުނީ މިފަދަ ހަރަކާތަކަށް ލިބުނު ބޮޑު ތަރުހީބަކީ ރާއްޖޭގެ ފިޓްނަސް ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެންމެން އެކުވެރިކަމާއެކު މަސައްކަތްކުރަން ތައްޔާރަށް ތިބިކަމުގެ ހެއްކެއް ކަމަށެވެ. އަދި ކުރިމަގުގައި ވެސް މުޅި ރާއްޖެއަށް އަމާޒުކޮށްގެން، ދާއިރާގެ ގިނަ ބައެއްގެ ބައިވެރިވުމާއެކު މިފަދަ މަޝްވަރާތައް އިތުރަށް ފުޅާކޮށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެ އެކަޑަމީން ބުންޏެވެ.