އެތައް އަހަރެއް ކުރިން ކުޑަ އަގެއްގައި ވަރުވާއަށް ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ކުލި އަލުން ކަނޑައަޅަން ސަރުކާރުން ނިންމައިފި އެވެ. މި ބަދަލު ގެންނަން ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ތަސްދީގުކުރެއްވި ފަޅު ރަށްރަށާ ބެހޭ އާ ގާނޫނުގެ ދަށުންނެވެ.
އާ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މިހާރު ދޫކޮށްފައި ހުރި ފަޅު ރަށްތަކުގެ އެއްބަސްވުންތައް އެ ގާނޫނާ އެއްގޮތަށް ބަދަލުކުރަން ޖެހޭނެ އެވެ. އަދި ކުރީގެ އެއްބަސްވުންތައް އާކޮށް، ކުލި އަލުން ކަނޑައެޅުމަށްޓަކައި ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
ރައީސް ތަސްދީގުކުރެއްވި މި ގާނޫނަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ ގާނޫނު ތަސްދީގުކުރާތާ އެއް މަސް ދުވަސް ފަހުންނެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މީގެ ކުރިން އަމަލުކުރަމުން އައި ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނު އުވިގެންދާނެ އެވެ.
މި ބަދަލާއެކު ފަޅު ރަށްތަކުން ކުލި ނަގާނެ އާ ރޭޓްތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ސިނާއީ އަދި އިގްތިސާދީ ބޭނުންތަކަށް ދޫކުރާ ރަށްތަކުން އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކުރާ ރަށްތަކުން ނަގާނީ އަކަމީޓަރަކަށް އަހަރަކު 2.50 ރުފިޔާ އެވެ. އަދި އިޖުތިމާއީ ބޭނުންތަކަށް އަކަމީޓަރަކަށް ނަގާނީ 2 ރުފިޔާ އެވެ.
ފަޅު ރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީ ރަށްތައް ދޫކުރުމާ ބެހޭ ހަރުދަނާ އުސޫލުތަކެއް އަލުން އެކުލަވާލުމެވެ. މީގެ ސަބަބުން ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ އެންމެ ފުރިހަމަ ގޮތުގައި ލިބުމަށް މަގުފަހިވެގެންދާނެ އެވެ.